އެފްޑީސީއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު -
އުސްގެކޮޅު އިމަރސިވް މިއުޒިއަމެއް ގޮތުގައި ތަރައްޤީކުރުމުގެ
މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ދެމެދު ފަހުމުނާމާއެއްގައި މިރޭ ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގެ ދަށުން އުސްގެކޮޅާއި، ކަޅުވަކަރު މިސްކަތު
ސަރަހައްދު ހިމެނޭހެން އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމް ޑިޒައިންކުރުމާއި ތަރައްޤީކުރުމަށް
ބޭނުންވާ ސްކޯޕާއި ޑިޒައިންތައް ތައްޔާރުކޮށް ފަންނީ އެހީތެރިކަން ލިބިގެންދާނޭކަމުގައި
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
އޭގެ އިތުރަށް އުސްގެކޮޅު އިމަރސިވް މިއުޒިއަމް ތަރައްޤީކުރުމުގެ
ހުރިހާ މަރުހަލާއެއްގައި ވުޒާރާއާއި އެފްޑީސީއާ ދެމެދު އެއްބަސްވެވޭ ގޮތެއްގެ މަތިން
ޕްރޮޖެކްޓް ކާމިޔާބުކުރުމަށް އެފްޑީސީން ބައިވެރިވުން ދެއްވާނެ ކަމަށާއި އެ އާސާރު
ތަރައްޤީކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ، ފަހުމުނާމާގެ
ބައިވެރީންގެ މެދުގައި ވެވޭ އެ ކަންކަމާ ގުޅޭ އެއްބަސްވުމަކަށްފަހުގައި ކަމަށް
ބުނެފައިވެއެވެ.
ފަހުމުނާމާގައި ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ
ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން
ސޮއި ކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު، ޙަމްދާން ޝަކީލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް