ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޖަވާބު ޕްރައިވެޓް ލިމިޓެޑުން "ހުންބަލާ ސްޓޭންޑް" އެއް އުފައްދައިފި އެވެ.
ކޯވިޑް-19 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުވަސް ވަރާއި ގުޅޭ ގިނަ އުފެއްދުންތައް އަމިއްލަ ފަރުދުން އުފައްދާފައިވެ އެވެ. އެގޮތުން ރާއްޖޭގައި ތިން ވެންޓިލޭޓަރު އުފައްދާފައި ވެ އެވެ.
މިފަހަރު އުފެއްދީ ތާމޯ މީޓަރުގެ ބަދަލުގައި ބޭނުން ކުރާނެ "ހުން ބަލާ ސްޓޭންޑް" އެކެވެ. ހުން ބަލާ ސްޓޭންޑަކީ މި ދުވަސްވަރު ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ކެފޭ/ ރެސްޓޯރެންޓުތަކާއި، އޮފީސްތަކާއި ފިހާރަތަކަށް ވަންނަ އިރު ރައްކާތެރި ކަމުގެ ގޮތުން ފިނިހޫނު މިން ބަލަން ޖެހޭ ގޮތަށް އެޗްޕީއޭއިން ވަނީ ގަވައިދެއް އާންމު ކޮށްފައި އެވެ.
ޖަވާބުގެ މި އުފެއްދުން މިހާރު ވަނީ އާންމުންނަށް ދައްކާލާފައި އެވެ. އެގޮތުން މި ސްޓޭންޑު ވަނީ ހުޅުމާލޭގައި ހިންގާ އާންމުންގެ މެދުގައި މަގުބޫލު ރެސްޓޯރެންޓެއް ކަމަށްވާ "ޕާޕާ ސޭމްސް" ގައި ބަހައްޓާފައި އެވެ.
"ހުން ސްކޭން" ގެ ނަމުން ނަންދީފައިވާ މި ސްޓޭންޑު ހަދާފައިވަނީ ހުންބެލުމަށް ބޭނުން ކުރާ ސެންސާގެ އިތުރަށް ޓެބްލެޓެއް އަދި ސެނެޓައިޒާ އޮޓޮމެޓިކް ޑިސްޕެންސާ އެއް ހަރުކޮށްގެންނެވެ.
މީހަކު ސްޓޭންޑޫ ކުރިމަތީގައި ހުއްޓިލުމުން "މޫނާ ދިމާކޮށްލާ" މިހެން ދިވެހި ބަހުން އިރުޝާދު ދެއެވެ. އަދި ފިނިހޫނުމިން ހުރި މިންވަރު ސްކީންއިން ދައްކާލާ އަގަބަހުން ކިޔައިދޭނެ އެވެ. މީގެ އިތުރުން މާސްކް ނާޅާ ހުރިނަމަ މާސްކް އެޅުމަށް ދިވެހިބަހުން އިރުޝާދު ދެއެވެ.
ޖަވާބުގެ މެނޭޖިންގް ޑިރެކްޓަރު މުޙައްމަދު ޖައިލަމް ވިދާޅުވީ، އެކުންފިނީގެ މުވައްޒަފުން މި ސްޓޭންޑު ތައްޔާރު ކުރީ ދޮޅު މަސް ދުވަހުގެ މަސައްކަތުން ކަމަށެވެ. މިސޭޓްންޑްގައި ބޭނުންކޮށްފައިވާ އިންފްރާރެޑް ޓެމްޕްރޭޗާ ސެންސާއަކީ އެކުންފުނީގެ އެންގުމަށް ޗައިނާއިން ތައްޔާރުކޮށްގެން ގެނެސްފައިވާ އެކުންފުނީގެ އަމިއްލަ ސެންސާ އެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭނުންވަނީ ދިވެހިންނަށްވެސް މިފަދަ ތަކެތި އުފެއްދޭނެކަން ސާބިތުކޮށްދޭން ކަމަށެވެ. އަދި ދިވެހި އުފެއްދުންތެރިކަމަކީ ހަމައެކަނި ކުނާ ވިއުމާއި ލިޔެލާ ޖެހުމެއްވެސް ނޫންކަމަށާއި އިލެކްޓްރޯނިކް އަދި އިންޖިނިއަރިންގެ ދާއިރާއިންވެސް ދިވެހިންގެ އަމިއްލަ އުފެއްދުންތައް ހެދޭނެކަން ގަބޫލު ކުރާ ކަމަށް ވިދާޅުވި އެވެ.
އެ ކުންފުނިން ވަނީ މި އުފެއްދުން ބޭނުންވާ ފަރާތްތަކަށް ޕްރީ ޢޯޑަރު ދިނުމުގެ ފުރުސަތު ހުޅުވާލާފައި އެވެ.
ޖަވާބު ޕްރައިވެޓް ލިމިޓެޑްއަކީ 100 ޕަސެންޓު ދިވެހި މުވައްޒަފުން މަަސައްކަތް ކުރަމުން ގެންދާ، ޒުވާން ގާބިލް ސޮފްޓްވެއާ ޑިވެލޮޕްމެންޓް ކުންފުއްޏެކެވެ. މިކުންފުނިން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ވިޒިޓް ވޯލްޑިވްސް، ޖޮބްސެންޓަރު، އައިޔޫއެމް ސްޓޫޑެންޓް މެނޭޖްމެންޓް ސިސްޓަމް، އީޓުކުރި ވެބަސައިޓް، ރަން ފޯ މޯލްޑިްވްސް ވެބަސައިޓް އަދި މިނޫނަސް ސަރުކާރުގެ ގިނަ ވެބްސައިޓްތަކާއި ވެބްސިސްޓަމްތައް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް