ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބުމަކީ ނާދިރު ކަމެއް: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ލިބުމަކީ ނާދިރު ކަމެއް ކަމަށް ކުރީގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީ މިވަ...

15 Sep 2023 | 09:24

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ލިބުމަކީ ނާދިރު ކަމެއް ކަމަށް ކުރީގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީ މިވަގުތު ވިސްނަންވީ އުފެދެން އުޅޭ ރިޔާސަތުގެ ބާރުތަކާމެދުގައި ކަމަށެވެ.

ނަޝީދު ނިސްބަތްވާ ޕާޓީ 'ދަ ޑިމޮކްރެޓްސް' އިން މިހާރު ބޭނުންވަނީ ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރާށެވެ. އެ ޕާޓީން އަމާޒު ހިފާފައި ވަނީ ރިޔާސީ އިންތިހާބުގެ ދެ ބުރުގެ ދޭތެރެއިން ނިޒާމާއި ގުޅޭ ވޯޓެއް ނެގުމަށެވެ.

މިކަން އިއުލާނު ކުރައްވަމުން އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި، ފުރަތަމަ ބުރުގައި ތިންވަނަ ހޯއްދެވި ކެނޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެފައިވަނީ ދެވަނަ ބުރުގެ ކުރީގައި ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަންޖެހޭކަމަށް ދެކިލައްވާާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 46.06 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 39.05 އިންސައްތައާއެކު ދެވަނަ ހޯއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިފައި ނުވާތީ، އިންތިހާބު ކާމިޔާބު ކުރި ފަރާތެއް ކަނޑައަޅާނީ ދެވަނަ ބުރެއްގެ ވޯޓުންނެވެ. ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ރައީސް ސޯލިހާއި ޑރ. މުއިއްޒުއެވެ.

ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ30 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް