ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މިއަދުގެ ރަސްމިއްޔާތުގައި - ފޮޓޯ: ރައީސް އޮފީސް
އަލަށް އުފަންވާ ކުދީންގެ ދުޅަހެޔޮކަމަށްޓަކާ ޞިއްޙީ
ދާއިރާގެ ހުރިހާ ޚިދުމަތްތެރިން ގުޅިގެން އެކުގައި މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ
އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ ނިއޯނޭޓަލް ނަރުހުންގެ
ކޮންފަރެންސް ހުޅުވުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު
ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އުފަންވާ ކުދިންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް މަސައްކަތްކުރައްވާ
ޚިދުމަތްތެރިންގެ މަސައްކަތް ފާހަގަކުރައްވައި އެކަމަނާ ވަނީ، ރާއްޖޭގައި އުފަންވާ
ކުދިންގެ ޞިއްޙަތާބެހޭ ދާއިރާގައި ވަރަށް ހިތްދަތި ކަންކަން ދިމާވެފައިވާކަން އެދާއިރާގެ
ތާރީޚީ ލިއުންތަކުން ހާމަވާކަން ފާހަގަކުރައްވާފައެވެ. އަދި މިހާރުވެސް މިދާއިރާއަށް
އަވަސް ކުރިއެރުންތައް ބޭނުންވާކަން ފާހަގަކުރައްވައި، ތަނާއި ޖާގަ އަދި އިންސާނީ ހުނަރާއި
ގާބިލުކަން ބޭނުންވާކަން، އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެކި ދާއިރާތަކުން ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުންތައް
ފާހަގަކުރައްވަމުން، އެކަމަނާ ވިދާޅުވީ ޞިއްޙީ ދާއިރާގައި ޢިލްމާއި ޓެކްނޮލޮޖީ ކުރިއަރަމުން
އަންނަ ގޮތް ޚާއްޞަކޮށް ފާހަގަކުރެއްވޭ ކަމަށެވެ. މީގެ ތެރޭގައި، އަލަށް އުފަންވާ ކުދިންނާ
ގުޅުންހުރި ކަންކަމަށް ޚާއްޞަކޮށް ތަޢާރަފުކުރެވިފައިވާ ޓެކްނޮލޮޖީ ހުރިކަން ފާހަގަކުރައްވައި،
މިފަދަ ކޮންފަރެންސްތަކުގައި ކުރެވޭ މަޝްވަރާތަކުގެ ސަބަބުން، ރާއްޖޭގައި އެފަދަ ކަންކަން
ތަންފީޛުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިއަދުގެ ކޮންފަރެންސްގެ މައުޟޫޢަކީ ކޮންމެ ދިވެއްސެއްގެ
ޙަޔާތާ ގުޅިފައިވާ މައުޟޫޢެއްކަން ފާހަގަކުރައްވައި އެކަމަނާ ވަނީ ކޮންފަރެންސްގައި
ކުރެވޭ މަޝްވަރާތަކާއި ނިންމާ ނިންމުންތައް ތަންފީޒުކުރެއްވުމަށް ގުޅިގެން މަސައްކަތްކުރެއްވުމުގެ
މުހިންމުކަން ފާހަގަކުރައްވާފައެވެ.
ދެދުވަހަށް ކުރިއަށްގެންދާ ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް
ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން
ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް