ޖައިކާއާއެކު އެއްބަސްވުމުގައި ސޮއެ ކުރުން -
ދިވެހި ސަރުކާރާއި
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ ދެމެދު މާލޭގައި ކާރިސާތަކަށް
ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމަށް ހިންގޭ މަޝްރޫޢު (އިމާރާތްކުރުމުގެ މަރުޙަލާ)
ގެ އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސަރުކާރުން
ބުނެފައިވާގޮތުގައި މި އެއްބަސްވުމުގެ ދަށުން 1.56 ބިލިއަން ޖަޕަނީސް ޔެން (ގާތްގަނޑަކަށް
10.5 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީ ލިބޭނެއެވެ. މި އެހީގެ ދަށުން މާލޭގެ
ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދައާއި
ބޯކޮށް ވެހޭ ވާރެއިން ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނެއެވެ.
މި އެހީގެ އެއްބަސްވުމަކީ 26 ޖުލައި 2025 ވަނަ ދުވަހު ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ކުރެވުނު އެއްބަސްވުމެއް، މި މަޝްރޫޢުގެ މަޤްޞަދަކީ މާލޭގައި ކާރިސާތަކަށް ތައްޔާރުވުން ހަރުދަނާކޮށް، ދިރިއުޅުމާއި އިޤްތިޞާދީ ހަރަކާތްތަކާއި މުޖުތަމަޢުގެ ރައްކާތެރިކަން ހަރުދަނާ ކުރުން
ސަރުކާރުން ބުނެފައިވެއެވެ.
މި އެއްބަސްވުމުގައި
ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ 9 ސެޕްޓެމްބަރ 2025 ވަނަ ދުވަހު މާލީ ކަންކަމާއި
ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ ގައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ
ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ
މިނިސްޓަރ އަލްފާޟިލް ޙަސަން މިރާސްއެވެ. ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޖައިކާ މޯލްޑިވްސް
އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް މރ. ޓަކި މޮޓޮއޯ އެވެ.
މި ރަސްމިއްޔާތުގައި
މރ. ޓަކި މޮޓޮއޯ ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫޢަކީ ޖަޕާނުން ދިވެހިރާއްޖެއަށް
ދެމުން އަންނަ ދިގު މުއްދަތުގެ އެހީތެރިކަމުގެ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި
1988 އިން 2006 އަށް ކުރިއަށް ގެންދެވުނު ކަނޑުތޮށިލުމުގެ މަޝްރޫޢުތަކުގެ ސަބަބުން،
2004 ޑިސެންބަރު ގައި ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި މާލެއަށް ލިބުނު ގެއްލުންތައް
ކުޑަކުރެވުނުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި އައު މަޝްރޫޢުގެ ދަށުން ތޮށިގަނޑު
ވަރުގަދަކޮށް، ވާރޭފެން ހިންދުމަށް ޚާއްސަ ނިޒާމުތައް ތަޢާރަފުކޮށް، ގޮނޑުދޮށް ހިމާޔަތްކުރުން
ހަރުދަނާކުރެވޭނެކަން ރެސިޑެންޓް ރެޕްރެޒެންޓެޓިވް ފާހަގަކުރެއްވިއެވެ.
ޑެޕިއުޓީ
މިނިސްޓަރ މިރާސް މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫޢަކީ ފެނާ
ގުޅުންހުރި ކާރިސާތަކުގެ އިތުރުވަމުންދާ ނުރައްކާ ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން
ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް
މުހިންމު ރައްކާތެރިކަމެއް ލިބި، އެމީހުންގެ ސަލާމަތްތެރިކަމާއި ޤައުމުގެ އިޤްތިޞާދީ
އަދި އިޖްތިމާޢީ ދިރިއުޅުމުގެ ދެމެހެއްޓެނިވިކަން ޔަޤީންކޮށްދޭނެކަމަށް ޑެޕިއުޓީ މިނިސްޓަރ
ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި
ދިވެހިރާއްޖެއަށް ޖަޕާނުން ކަނޑައަޅުއްވާފައިވާ ސަފީރު ހަރ އެކްސެލެންސީ އިޝިގާމީ ރުމިކޯ
އާއި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، ޚާރިޖީ ވުޒާރާ، އަދި
އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ދިވެހި ސަރުކާރުން
ޖަޕާނު ސަރުކާރަށާއި ޖައިކާއަށް، ދިވެހިރާއްޖޭގެ ތަރައްޤީ ކުރިއެރުވުމަށް ދެއްވަމުން
ގެންދަވާ ދެމެހެއްޓެނިވި އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު
ޝުކުރު ދަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް