ރާއްޖެއިން ކޮރޯނާ ވައިރަސްގެ ޔަގީން އެއްވެސް ކޭސްއެއް ނުފެންނާތީ ސްކޫލްތައް ބަންދު ކުރަންޖެހޭ ހާލަތަކަށް ނުދާކަމަށް ޑޮކްޓަރުން ވިދާޅުވެއްޖެ އެވެ.
ކޮރޯނާ ވައިރަސްގެ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑރ. މޫސާ ހުސައިން ވިދާޅުވީ މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފެނިފައިނުވާކަމަށެވެ. އަދި ޝައްކުކުރެވޭ މީހާގެ ހާލަތު ޔަގީން ނުވާއިރު އެއް ދުވަހުން އަނެއް ދުވަހަށް އޭނާގެ ގައިން ފެނުނު އަލާމާތްތައް އަންނަނީ ރަނގަޅުވަމުން ކަމަށެވެ.
ޑރ. މޫސާ ވިދާޅުވީ އެކަކު ގައިން އަނެކަކު ގަޔަށް މި ބަލި އެރުމުގެ ފުރުސަތުވެސް އަދި ރާއްޖޭގައި ނެތް ކަމަށެވެ. އެހެން ކަމުން ކޮރޯނާ ވައިރަސްގެ ބިރަށް އަދި ސްކޫލްތަކަށް ކުދިން ނުފޮނުވަންވީ ހިސާބަށް ނުދާ ކަމަށެވެ.
އެކަމަކު އެންމެ ރަނގަޅު ގޮތަކީ އާންމު ރޯގާއެއް އުޅޭ ނަމަވެސް ގިނަ ކުދިންތަކެއްގެ ތެރެއަށް ދަރިން ނުފޮނުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަހަލަ ހާލަތަކަށް ގޮސްފިއްޔާ ވަގުތުން މި ހުރިހާ ރެކޮމެންޑޭޝަންތަކެއް ތަފާތުވާނެ. އޭރުން ސްކޫލު ވެސް ބަންދުކުރަންޖެހިދާނެ އެކަހަލަ ގޮތަކަށް އެކަން ގޮސްފިއްޔާ. އެކަމަކު މިވަގުތު އަޅުގަނޑުމެން ހޯދާ ހޯދުންތަކާއި ބަލާ ބެލުންތަކުގައި އަޅުގަނޑުމެންނަށް އެކަހަލަ އެވިޑެންސެއް އަދި އަދި ފެންނާކަށް ނެތް މިރެއާ ހިސާބަށް. މާދަމާ ތަފާތުވެދާނެ،" ޑރ. މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާދަމާވެސް މިހާރު މިއޮތް ހާލަތު ބަދަލުވެދާނެ ކަމަށާއި އެ ހާލަތަށް ގައުމު ގޮސްފި ނަމަ ސްކޫލްތައް ބަންދު ކުރަން އަންގާނެ ކަމަށެވެ.
ކޮރޯނާ ވައިރަސް އާއި ގުޅޭގޮތުން ސައްހަ މައުލޫމާތު ހޯދުމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި ފަތުރަމުންދާ ބައެއް ސައްހަ ނޫން މައުލޫމާތުތަކުގެ މައްޗަށް ބުރަވެ ބައެއް މީހުން ދަނީ ދަރިން ސްކޫލަށް ފޮނުވުން ރައްކާތެރި ނޫންކަމަށް ބުނަމުންނެވެ. އެކަމަކު މިފަދަ ހާލަތެއްގައި އެންމެ ރަނގަޅު ގޮތަކީ ސިއްހީ ދާއިރާގެ ބޭފުޅުން ދެއްވާ އިރުޝާދުތަކަށް ބޯލެނބުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް