ބަންޑުން ޖަހާލި ލޯންޗު -
ވ. ފެލިދޫ ކައިރިން މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ހިނގި ލޯންޗު އެކްސިޑެންޓާ ގުޅިގެން ގެއްލުނު މީހުން ހޯދަމުން ދަނިކޮށް، އެ ސަރަހައްދުގެ ކަނޑު އަޑިން އިންސާނެއްގެ އަތެއް ފެނިއްޖެ ކަމަށް މިހާރު ނޫހުން ރިޕޯޓުކޮށްފިއެވެ.
މިހާރު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބުރިވެފައި އޮތް އަތެއް ފެނުނީ ވ. ދިއްގިރި ޝާކް ޕޮއިންޓުގައި ޑައިވިނަށް ގޮސް އުޅުނު ބައެއްގެ ފެނިގެންނެވެ. އެ މީހުން ވަނީ އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. އަތް ފެނުނު ސަރަހައްދަކީ އެ ހާދިސާ ހިނގި ސަރަހައްދާ ގާތްގަނޑަކަށް 10 ކިލޯމީޓަރު ދުރެވެ.
ފުލުހުން ބުނީ ފުލިދޫ ޝާކް ޕޮއިންޓަށް ޑައިވިނަށް ގޮސް އުޅުނު ބަޔަކަށް، އިންސާނެއްގެ ގުނަވަނެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ ކަމުގެ ރިޕޯޓު މިއަދު ލިބިފައިވާ ކަމަށެވެ.
މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި އެކްސިޑެންޓުވީ އިންޑިއާގެ ބިލިއަނަރު ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގާނިއާގެ ލަގްޒަރީ ޔޮޓުގައި ގެންގުޅޭ ސްޕީޑް ބޯޓެކެވެ. ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ވ. ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި އެ އުޅަނދުގައި ހަތް މީހަކު ތިއްބެވެ. އެއީ އިންޑިއާގެ ފަސް ފިރިހެނަކާއި އިނގިރޭސި ވިލާތުގެ އަންހެނަކާއި ރަޝިއާގެ އަންހެނެކެވެ.
ގަޑިއަކު 100 މޭލަށް ވުރެ ބާރަށް ދުއްވޭ އެ އުޅަނދު އެކްސިޑެންޓުވި ހާދިސާގައި ވިއްސައިގެން ގޮސް ފަސް މީހަކު މޫދަށް ވެއްޓުނެވެ. އޭގެ ތެރެއިން އެކެއްގެ އަތް ބުރިވި އިރު، އެ މީހާ އިތުރު ފަރުވާއަށް މި މަހުގެ 21 ގައި އިންޑިއާއަށް ގެންގޮސްފައިވާ ކަމަށް މިހާރު ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އެ ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް