ބީއެމްއެލްގެ ބޯނަސް ހިއްސާ އާއި ޝެއަރ ސްޕްލިޓާ އެކު މާކެޓް ކެޕިޓަލައިޒޭޝަން 62 ބިލިއަނަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާގައި ބޯނަސް ހިއްސާ ދޫކުރުމާއި ޝެއަރ ސްޕްލިޓް ފާސްކުރުމާ އެކު، ރާއްޖޭގެ ހިއްސާގެ ބާޒާރުގެ މާކެޓް ކެޕިޓަލައިޒޭޝަން ރެކޯޑް އަދަދެއް ކަމަށްވާ 62 ...

31 Mar 2026 | 13:36
N/A

N/A

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާގައި ބޯނަސް ހިއްސާ ދޫކުރުމާއި ޝެއަރ ސްޕްލިޓް ފާސްކުރުމާ އެކު، ރާއްޖޭގެ ހިއްސާގެ ބާޒާރުގެ މާކެޓް ކެޕިޓަލައިޒޭޝަން ރެކޯޑް އަދަދެއް ކަމަށްވާ 62 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މި މަހުގެ 28 ވަނަ ދުވަހު ބޭއްވި ބީއެމްއެލްގެ އާންމު ޖަލްސާގެ ކުރިން، 27 މާރިޗާ ހަމައަށް، ލިސްޓުކޮށްފައިވާ ހުރިހާ ސެކިއުރިޓީޒްތަކެއްގެ މާކެޓް ކެޕިޓަލައިޒޭޝަން ހުރީ ގާތްގަނޑަކަށް 33 ބިލިއަން ރުފިޔާގައެވެ. ނަމަވެސް ޖަލްސާގައި ބޯނަސް އިޝޫ އާއި ހިއްސާ ބައިކުރުން ފާސްކުރުމާ އެކު، އެ އަދަދު 62 ބިލިއަން ރުފިޔާއަށް އުފުލުނީއެވެ. ބީއެމްއެލްގެ މާކެޓް ކެޕިޓަލައިޒޭޝަން އެކަނި ވެސް 27 މާރިޗުގައި ހުރި 3.6 ބިލިއަން ރުފިޔާ އިން، 30 މާރިޗާ ހަމައަށް 31.97 ބިލިއަން ރުފިޔާއަށް އިތުރުވެ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ އެންމެ ބޮޑު ކުންފުންޏަށް އެ ބޭންކު ވެފައިވެއެވެ.

2025 ވަނަ އަހަރު 50 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއެއްގެ އެވްރެޖް މާކެޓް އަގު ހުރީ ގާތްގަނޑަކަށް 800 ރުފިޔާގައެވެ. ނަމަވެސް ބޯނަސް އިޝޫ އާއި ޝެއަރ ސްޕްލިޓަށް ފަހު، ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއެއްގެ މާކެޓް އަގު ގާތްގަނޑަކަށް 200 ރުފިޔާއަށް ތިރިވެ، މާކެޓް އަގުގެ ގޮތުން ގާތްގަނޑަކަށް 650 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެއެވެ. މި ބަދަލާ އެކު މިހާރު ތިބި ހިއްސާދާރުން ހިއްސާ ގަނެވިއްކުމުގެ ހަރަކާތްތައް އިތުރުވެ، ހާއްސަކޮށް ޒުވާނުންނާއި އަލަށް އިންވެސްޓުކުރާ ފަރާތްތަކަށް ބާޒާރަށް ވަނުމުގެ ހުރަސްތައް ކުޑަވެފައިވެއެވެ.

މި ކުރިއެރުމާ ގުޅޭ ގޮތުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ގްރޫޕް ސީއީއޯ ވިދާޅުވީ "ފަހުގެ ޑޭޓާތަކުން ދައްކާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދިގު މުއްދަތަށް އިންވެސްޓުކޮށްފައި ތިބި ހިއްސާދާރުންނަށް ބޮޑު ފައިދާއެއް ލިބިގެންދެއެވެ. އެއީ ބޭންކް މިއަދު އޮތް ހިސާބަށް ގެނައުމުގައި އެންމެ ބޮޑު ހިއްސާއެއްވީ ފަރާތްތަކެވެ. ހަމައެއާ އެކު، މީގެ ސަބަބުން ޒުވާނުންނާއި މުޅިން އަލަށް އިންވެސްޓުކުރާ ފަރާތްތަކަށް މާކެޓަށް ވަދެ، ކުންފުނީގެ މުސްތަގުބަލުގެ ކުރިއެރުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދެއެވެ" ކަމަށެވެ.

ބީއެމްއެލްގެ މި ނިންމުމަކީ ލިސްޓުކޮށްފައިވާ އެހެން ކުންފުނިތަކަށް ވެސް ލިބުނު މުހިންމު ސިގްނަލެކެވެ. ޕްރައިސް-ޓު-ބުކް ރޭޝިއޯ ގާތްގަނޑަކަށް 0.66 ގައި ހުރި، ގާތްގަނޑަކަށް ހަތަރެއް އިންސައްތައިގެ ޑިވިޑެންޑް ޔީލްޑެއް ލިބޭ އެސްޓީއޯ ފަދަ ކުންފުނިތަކަށް ވެސް މިފަދަ ފިޔަވަޅުތަކެއް އެޅުމުން ލިކުއިޑިޓީ އިތުރުކޮށް، އިންވެސްޓަރުންގެ ބައިވެރިވުން ފުޅާކުރެވިދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް