ހިޔާ ފްލެޓުތަކުގެ ފިނިޝިން ހަރަދު ހަމަކުރަން ދެ އަހަރުގެ ކުލި އުނިކޮށްފި

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތަށް އާންމުން ކޮށްފައިވާ ހަރަދު އަނބުރާ ދިނުމުގެ ގޮތުން، ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200،000ރ. ގެ ޑިސްކައުންޓުން ނުދެއްކި ހުރި ކުލި އުނިކޮށް، ދެ އަހަރުގެ ކުލި ...

31 Mar 2026 | 02:45
N/A

N/A

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތަށް އާންމުން ކޮށްފައިވާ ހަރަދު އަނބުރާ ދިނުމުގެ ގޮތުން، ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200،000ރ. ގެ ޑިސްކައުންޓުން ނުދެއްކި ހުރި ކުލި އުނިކޮށް، ދެ އަހަރުގެ ކުލި ކަނޑާލާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހެއިރު، ފްލެޓުތަކުގެ ވެރިންނަށް މިދިޔަ ހަފުތާގައި ފޮނުއްވި ސިޓީގައި ވާ ގޮތުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، ފިނިޝިން ޑިސްކައުންޓުގެ ތެރެއިން ނުދެވި ހުރި ބައިން، ނުދެއްކި ހުރި ކުލި އަންނަ ބުދަ ދުވަހުން ފެށިގެން އުނިކުރާނެއެވެ.

އެ އަދަދު އުނިކުރުމަށް ފަހު، ބާކީވާ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ނެތް ނަމަ، ޑިސްކައުންޓަށް ވާ ބައި މަހަކު 5،300ރ. ހަމަވަންދެން ކުލި ދައްކަން ނުޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެހެންކަމުން ހިޔާ ފްލެޓަށް ދެން ކުލި ދައްކަން ޖެހޭނީ މެއި 1، 2028 އިން ފެށިގެންނެވެ. ނަމަވެސް، މި މުއްދަތުގައި ވެސް މެނޭޖްމަންޓް ފީ ދައްކަން ޖެހޭނެއެވެ.

މި ސަރުކާރުން ގެނައި ބަދަލާ އެކު، ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984ރ. އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ނަގާ 1،000ރ. އާ އެކު ކޮންމެ މަހަކު އެޗްޑީސީއަށް ދައްކަންޖެހެނީ 4،984ރ. އެވެ. އެޗްޑީސީން ދަނީ މި ބަދަލާ ގުޅިގެން އެއްބަސްވުންތަކަށް ބަދަލު ގެންނަމުންނެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިނާކުރި ހިޔާ ފްލެޓުގެ ކުލި ކުޑަކުރި ނަމަވެސް، ކުލި ނުދައްކާ މައްސަލަ ބޮޑުވެފައި ވާ އިރު، މިދިޔަ ޑިސެމްބަރު މަހާ ހަމައަށް އެރި ޖޫރިމަނާތައް ވެސް ސަރުކާރުން ވަނީ މާފުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް