ފުވައްމުލަކު ޑްރަގް ނެޓްވޯކުގެ ދެ މީހުން ދޫކޮށްލިތާ ހަފުތާއެއް ނުވެ އަލުން ހައްޔަރުކޮށްފި

ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ދެ މީހުން، ކޯޓުން ބަންދުން ދޫކޮށްލިތާ ހަފުތާއެއް ނުވެ އަލުން ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލ...

31 Mar 2026 | 02:37
ޑްރަގް ޓްރެފިކިންގެ މައްސަލައިގައި ފުވައްމުލަކުން ހައްޔަރުކުރި ދެ މީހުން - ފޮޓޯ: ޕޮލިސް

ޑްރަގް ޓްރެފިކިންގެ މައްސަލައިގައި ފުވައްމުލަކުން ހައްޔަރުކުރި ދެ މީހުން - ފޮޓޯ: ޕޮލިސް

ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ދެ މީހުން، ކޯޓުން ބަންދުން ދޫކޮށްލިތާ ހަފުތާއެއް ނުވެ އަލުން ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހައްޔަރުކޮށްފައި ވަނީ ފުވައްމުލައް ދޫޑިގަން، އަހުމަދު ނިއުޝާދު، 35، އަދި ދޫޑިގަން ޒަމާނީވިލާ، ހަސަން އާޒިމް، 30 އެވެ. މި ދެ މީހުންނަކީ ޑިސެމްބަރު 2024 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ފުރަތަމަ ހައްޔަރުކުރި ދެ މީހުންނެވެ. އެ މީހުންގެ މައްޗަށް ޕީޖީ އޮފީހުން ވަނީ މިދިޔަ އަހަރުގެ މާޗު މަހު ކުށްކުރާ ޖަމާޢަތެއްގައި ބައިވެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލައިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ދެ މީހުން އަލުން ރޭ ހައްޔަރުކުރީ ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައެއްގައި ހެއްކަށް ނުފޫޒު ފޯރުވައިފާނެ ކަމަށް ބެލެވޭތީ ކަމަށެވެ. އެ ދެ މީހުން ޝަރީޢަތް ނިމެންދެން ބަންދުގައި ތިއްބައި ކޯޓުން ދޫކޮށްލީ މިދިޔަ ހަފުތާގައެވެ. އޭގެ ކުރިން ވެސް ހައި ކޯޓުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބަންދުން ދޫކޮށް، ފަހުން އާ އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވެއެވެ.

ޕީޖީ އޮފީހުން ކުރިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އާޒިމް އިސްވެ ހުރެ ނިއުޝާދާ ދެ މީހުން ވެގެން ފުވައްމުލަކުގައި މަސްތުވާތަކެތި ވިއްކުމުގެ ނެޓްވޯކެއް ޤާއިމުކޮށް، "ޑީލަރުންނަށް" މުސާރަ ދީގެން އެ ވިޔަފާރި ހިންގައި، ކްރެޑިޓަށް ދޫކުރާ ތަކެތީގެ ހިސާބުތައް ވެސް ބަލަހައްޓާފައިވާ ކަމަށެވެ. މަނީ ލޯންޑަރިންގެ ދައުވާ އުފުލީ ޖުލައި 2019 އިން އޮގަސްޓް 2024 އާ ދެމެދު ނިއުޝާދުގެ އެކައުންޓުތަކަށް 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި އާޒިމްގެ އެކައުންޓުތަކަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާވެފައިވާތީއެވެ. ޕީޖީން ވަނީ 1.1 މިލިއަން ރުފިޔާ އާއި ހަތަރު ސައިކަލާއި ފަސް ކާރާއި ދެ ޕިކަޕާއި ކަނޑުގެ އުޅަނދަކާއި ގުރާތަކެއް ދައުލަތަށް ނެގުމަށް ވެސް އެދިފައެވެ.

ނިއުޝާދާއި އާޒިމަކީ ޖެނުއަރީ 2025 ގައި ފުވައްމުލަކުގައި ފެށި "އޮޕަރޭޝަން ވެށި ރައްކާ" ގެ ތެރެއިން ހައްޔަރުކުރި 58 މީހުންގެ ތެރެއިން ދެ މީހުންނެވެ. އެ އޮޕަރޭޝަނުގައި 75 މައްސަލައެއް ތަޙުޤީޤުކޮށް، 65 މައްސަލައެއް ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވައިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް