ރަސްމާލެ ހިއްކުމުގެ ތެރެއިން -- ފޮޓޯ: ޕީއެސްއެމް
ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހިއްކަމުން އަންނަ ރަސްމާލޭގެ މާސްޓަޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ރަސްމާލޭގެ މާސްޓަޕްލޭން ތައްޔާރުކުރުމުގެ ކޮންސަލްޓެންސީ ޚިދުމަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމާ ގުޅޭ ޕްރީ-ބިޑް ބައްދަލުވުމެއް ނޯންނާނެ ކަމަށާއި އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ އަންނަ އާދިއްތަ ދުވަހު މެންދުރު ފަހު 2:00 ގެ ކުރިން އީ-މެއިލް ކުރުމަށް އެ މިނިސްޓްރީން އެދިފައިވެއެވެ. ބީލަން ހުށަހެޅުން އޮންނާނީ އަންނަ މަހު 13 ވަނަ ދުވަހު ހެނދުނު 10:00 ގައި ދަރުބާރުގޭގައި ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ޓާމްސް އޮފް ރިފަރެންސްގައިވާ ގޮތުން މި ބީލަމުގައި ބައިވެރިވެވޭނީ ކުންފުނިތައް ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޯޕަރޭޓިވްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމަށް އަގު ހުށަހަޅަން ވާނީ ދިވެހި ރުފިޔާއިން ކަމަށް ވާއިރު 250000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެއެވެ. ބީލަމުގެ އަގު 500000 ރުފިޔާއަށް ވުރެ ބޮޑު ނަމަ ސަރުކާރު ޤަބޫލުކުރާ ބޭންކަކުން ޕާފޯމަންސް ގެރެންޓީއެއް ވެސް ހުށަހަޅަން ޖެހޭނެއެވެ.
އެޗްޑީސީގެ ހިސާބުތަކުން ދައްކާ ގޮތުގައި 1150 ހެކްޓަރު ހިއްކަން ނިންމާފައިވާ ރަސްމާލޭގެ 43 ޕަސެންޓު ބިން މިހާރު ވަނީ ހިއްކާ ނިމިފައެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުރަތަމަ ބުރުގައި ރަސްމާލެއިން 15000 ގޯތި ދޭން ވަނީ ނިންމައިފައެވެ. މީގެ އިތުރުން ރަސްމާލޭގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް މާސްޓަޕްލޭނެއް ހަދަން ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދުމަށް މިދިޔަ އަހަރު ޑިސެމްބަރުގައި ވެސް ސަރުކާރުން އިއުލާންކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް