N/A
ޕީސީބީގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު އަނަސް (ގއ. ދެއްވަދޫ / ދޭލިޔާގެ) އެ މަޤާމުން އިސްތިޢުފާ ދެއްވައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް މިއަދުން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށް ޕީސީބީން ބުނެފިއެވެ.
އަނަސް ޕީސީބީގެ ރައީސް ކަމުގައި ހުންނެވި އިރު ސަރުކާރު ހިއްސާވާ ކުންފުނިތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ އިސް ޒިންމާތައް އުފުއްލެވިއެވެ. އަނަސް އިސްތިޢުފާ ދެއްވުމާ ގުޅިގެން ޕީސީބީގެ ރައީސް ކަމަށް، ކުރިން ވެސް 2014 އިން 2019 އަށް އެ މަޤާމު ފުރުއްވި މުޙައްމަދު ނިޒާރު (މއ. ޔެލޯބެލް) ވަނީ އައްޔަނުކުރައްވާފައެވެ.
މީގެ ކުރިން އަނަސް ވަނީ ފިނޭންސް ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި ހުންނަވައި، ޤައުމީ ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތައް އެކުލަވައިލެއްވުމާއި ސޮވެރިން ބޮންޑު ދޫކުރުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އޭގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލްގެ އެސޯސިއޭޓް ޕްރޮފެސަރުކަން ވެސް ކުރައްވާފައިވެއެވެ. އަނަސް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން އެމްބީއޭ ހާސިލުކުރައްވައި، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ހާޓްފޯޑްޝަޔާ އިން ފަސްޓް ކްލާސް އޮނާސް އާ އެކު އެކައުންޓިންގ ދާއިރާ އިން ބެޗެލާ ޑިގްރީ ހާސިލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް