މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
ޖަހައިގެން ހުރި ޕެޑުގައި ފޮރުވައިގެން ކޮކެއިން ކަމަށް ޝައްކުކުރެވޭ 30 ޕެކެޓް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދިވެހި އަންހެނެއް ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފައިވާ ކަން ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން އެނގިއްޖެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މއ. މޯނިންގވިޔު، އާމިނަތު ޝަފަޤު (32އ) އެވެ. ޝަފަޤުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ ކުށެވެ.
ބަންދު އަމުރުގައިވާ ގޮތުން، ޝަފަޤު އެކްސްރޭ ކޮށް ބެލި ބެލުމުން ކުރިމަތި ފަރާތުގައި އެއްޗެއް ފޮރުވާފައި ހުރި ކަމަށް ދެއްކިއެވެ. ސުވާލުކުރުމުން އެއީ ކޮކެއިން ކަމަށް ބުނެފައިވެއެވެ. ލައިގެން ހުރި ޖީންސާއި ހަށިގަނޑާ ދެމެދުން ދެ ޕެޑެއް ނެގި އިރު، އެ ދެ ޕެޑް ދެމެދުގައި ފޮރުވާފައި އިން ޕްލާސްޓިކް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 30 ރަބަރު ކޮތަޅު ފެނިފައިވެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 31 ގްރާމް ހުއްޓެވެ.
ފުލުހުން ވަނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގައި، ތަކެތި ރައްދުވާން ޖެހޭ ފަރާތާ ޝަފަޤު މުޢާމަލާތްކޮށްފައިވާ ކަން ވެސް ހޯދާފައެވެ.
ބަންދު އަމުރުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ޝަފަޤު އަކީ ނަފްސާނީ ބަލިތައް ތަޙައްމަލްކުރަމުންދާ ފަރާތެއް ކަމަށް ޝަފަޤު އަދި ވަކީލު ވެސް ކޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ބަންދުކޮށްފައިވާ ތަނުގައި ކްލޯޒް މޮނިޓަރިންގ ކުރުމަށް ޤާޟީ ޞަފްޢަތު ޙަބީބް ވަނީ އަންގަވާފައެވެ.
ޝަފަޤުގެ ބަންދުގެ މުއްދަތު ހަމަވާނީ މެއި 30 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް