N/A
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަޤާމަށް މުޙައްމަދު ނިޒާރު (މއ. ޔެލޯބެލް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަނުކުރައްވައިފިއެވެ. ނިޒާރު އައްޔަނުކުރެއްވީ އެ މަޤާމުގައި ކުރިން ހުންނެވި ގއ. ދެއްވަދޫ ދޭލިޔާގެ މުޙައްމަދު އަނަސް އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.
ނިޒާރަކީ ޕީސީބީގެ ރައީސް ކަމަށް އައު ބޭފުޅެއް ނޫނެވެ. 2014 އިން 2019 އަށް ވެސް ޕީސީބީގެ ރައީސްކަން ކުރައްވައި، ސަރުކާރުގެ ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން އެޖެންޑާ ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. އެ ދައުރުގައި ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ގަވަނަންސް ފްރޭމްވޯކް ހަރުދަނާކުރެއްވުމުގައި ނިޒާރުގެ އިސްނެންގެވުން ފާހަގަކޮށްލެވެއެވެ.
ނިޒާރު ވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، އިމްޕޯޓް، އެޑްމިނިސްޓްރޭޝަން، އައިޓީ އަދި ސޭލްސް ފަދަ ދާއިރާތަކުގެ ޖެނެރަލް މެނޭޖަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ފުރުއްވާފައެވެ. މީގެ އިތުރުން މޯލްޑިވްސް ގޭސް އާއި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ގެ ބޯޑު މެންބަރުކަން ވެސް ކުރައްވާފައިވެއެވެ. ނިޒާރު ވަނީ ޔުނިވާސިޓީ އޮފް ސައުތް އޮސްޓްރޭލިއާ އިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ.
ޕީސީބީ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ ހަތް މެންބަރުންގެ ބޯޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް