ވާރެއިން ހިޔާވާން ދިޔަ ތަން ސަންދޯކަށް: ބެންގަލޫރު ހޮސްޕިޓަލް ފާރު ވެއްޓި ހަތް މީހުން މަރުވެއްޖެ

އިންޑިއާގެ ބެންގަލޫރުގެ ޝިވާޖީނަގަރުގައި ހުންނަ ބައުރިންގ ހޮސްޕިޓަލުގެ ގޯތި ތެރޭ ފާރު، ބުދަ ދުވަހު ހަވީރު ބޯކޮށް ވާރޭ ވެހުނު ގަޑީގައި ވެއްޓި ހަތް މީހުން މަރުވެ ނުވަ މީހަކު ޒަޚަމްވެއްޖެއެވެ. މިއީ ވޭތުވ...

30 Apr 2026 | 04:05
ވެއްޓުނު އެ ފާރު ފެންނަ މަންޒަރެއް -

ވެއްޓުނު އެ ފާރު ފެންނަ މަންޒަރެއް -

އިންޑިއާގެ ބެންގަލޫރުގެ ޝިވާޖީނަގަރުގައި ހުންނަ ބައުރިންގ ހޮސްޕިޓަލުގެ ގޯތި ތެރޭ ފާރު، ބުދަ ދުވަހު ހަވީރު ބޯކޮށް ވާރޭ ވެހުނު ގަޑީގައި ވެއްޓި ހަތް މީހުން މަރުވެ ނުވަ މީހަކު ޒަޚަމްވެއްޖެއެވެ.

މިއީ ވޭތުވެދިޔަ ދެ ދަހަރު ތެރޭ ބެންގަލޫރުގައި ވާރޭގެ ސަބަބުން ހިނގި އެންމެ ބޮޑު ހާދިސާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަރުވި މީހުންގެ ތެރޭގައި މެއި ތިނެއްގައި ހަތް ވަނަ އުފަންދުވަސް ފާހަގަކުރަން ވިޔަފާރިކުރަން ނުކުމެ އުޅުނު ހަ އަހަރުގެ މުސްފިރާ އާއި ކެރެލާ އިން ބެންގަލޫރަށް ޒިޔާރަތްކުރި ދެ އަންހެނުން ކަމަށްވާ ކޭކޭ ލަތާ (57އ) އާއި ސްމީތާ (47އ) ހިމެނެއެވެ. ދެން ހިމެނެނީ ފައިވާން ވިއްކާ ފައްޔާޒް އަޙްމަދު (39އ) އާއި ފޮތި ވިއްކާ މުޙައްމަދު ޢަބްދުލްޙައްޤު (52އ) އާއި ޔޫޕީ އަށް ނިސްބަތްވާ ވެންޑަރެއް ކަމަށްވާ މުޙައްމަދު ޞަލާޙުއްދީން (36އ) އާއި އައްސާމަށް ނިސްބަތްވާ 19 އަހަރުގެ ނަޞީމުﷲ އެވެ. ގިނަ މީހުންނަކީ ހޮސްޕިޓަލް ފާރު ކައިރީ މުދާ ވިއްކާ މަގުމަތީ ވިޔަފާރިވެރިންނެވެ. ކުއްލިއަކަށް ބޯކޮށް ވާރޭ ވެހެން ފެށުމުން ހިޔާވާން ފާރު ކައިރިއަށް ޖެހުނު ވަގުތު ފާރު ވެއްޓުނީއެވެ.

ހާދިސާ ހިނގި ސަރަޙައްދަށް ވަޑައިގެންނެވި ޗީފް މިނިސްޓަރު ސިއްދަރާމައްޔާ ބުނީ މި ހާދިސާ ތަޙުޤީޤުކޮށް، އިހުމާލެއް ފެނިއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. މަރުވި ކޮންމެ މީހެއްގެ ޢާއިލާއަށް ފަސް ލައްކަ ރުޕީސް ދޭން ނިންމި ކަންވެސް ހާމަކުރިއެވެ. ފާރު ވެއްޓުނީ ބާވެފައި ހުރީމާތޯ ނުވަތަ ހޮސްޕިޓަލް ތެރޭ ހިނގާ ކޮންސްޓްރަކްޝަން މަސައްކަތުގެ ސަބަބުން ފާރު ކައިރިއަށް ވެލި ޖަމާވެ ޕްރެޝަރު ބޮޑުވީމާތޯ ބަލަމުންދާކަމަށްވެސް ޗީފް މިނިސްޓަރު ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް