ޖަކާޓާ ރޭލު ހާދިސާ: އަންހެނުންގެ ރައްކާތެރިކަމަށް ހެދި ކޮމްޕާޓްމަންޓް ވެގެންދިޔައީ ފުރާނައިގެ އަގު ދައްކަން ޖެހުނު ތަނަށް

އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާ ކައިރީ ހޯމަ ދުވަހު ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި ހާދިސާގައި މަރުވި 16 މީހުންނަކީ ވެސް އަންހެނުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި އެންމެން ވެސް ތިބީ ޖިންސީ ފުރައްސާރައިނ...

30 Apr 2026 | 03:57
އެ ހާދިސާގައި މަރުވި އަންހެން ނޫސްވެރިއެއްގެ ކޮއްކޮ - ފޮޓޯ: ސްޓްރެއިޓް ޓައިމްސް

އެ ހާދިސާގައި މަރުވި އަންހެން ނޫސްވެރިއެއްގެ ކޮއްކޮ - ފޮޓޯ: ސްޓްރެއިޓް ޓައިމްސް

އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާ ކައިރީ ހޯމަ ދުވަހު ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި ހާދިސާގައި މަރުވި 16 މީހުންނަކީ ވެސް އަންހެނުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި އެންމެން ވެސް ތިބީ ޖިންސީ ފުރައްސާރައިން ރައްކާތެރިވުމަށް އަންހެނުންނަށް ޚާއްޞަކޮށްފައިވާ ކޮމްޕާޓްމަންޓުގައެވެ. މި ހާދިސާގައި 91 މީހުންނަށް އަނިޔާވި އިރު، ގިނައީ ވެސް އަންހެނުންނެވެ.

މަރުވި މީހުންގެ ތެރޭގައި 30 އަހަރުގެ ހާރުމް އަންޖަރްސާރީ ހިމެނެއެވެ. ތިން އަހަރާއި ނުވަ އަހަރުގެ ދެ ކުދިންގެ މަންމަ، ޖަކާޓާގެ މޯލެއްގައި ކޮސްމެޓިކްސް ސޭލްސްޕާސަނެއްގެ ގޮތުގައި މަސައްކަތްކުރި ހާރުމް އަކީ ޢާއިލާގެ އާމްދަނީގެ މައިގަނޑު ތަނބު ކަމަށް އޭނާގެ ކޮއްކޮ އަލްދިޔަންޝާހް ރޮއިޓާސް އަށް ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ސިޓީގެ ގޮތުގައި ބެލެވޭ ޖަކާޓާގެ ކޮމިއުޓާ ރޭލު ލައިނުގައި ދުވާލަކު 1.1 މިލިއަނަށް ވުރެ ގިނަ މީހުން ދަތުރުކުރެއެވެ. ވޯލްޑް ބޭންކުގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި އިންޑޮނީޝިއާގައި ފިރިހެނުންނަށް ވުރެ ގިނައިން އަންހެން މަސައްކަތްތެރިން ޕަބްލިކް ޓްރާންސްޕޯޓަށް ބަރޯސާވެއެވެ. ގޭބިސީގެ ބޮޑެތި މާލީ ވަސީލަތްތައް ކަމަށްވާ ކާރާއި ސައިކަލް ފަދަ ތަކެތި ކޮންޓްރޯލް ކުރަނީ ފިރިހެނުން ކަމަށް ވާތީ، އަންހެނުންނަށް ޕަބްލިކް ޓްރާންސްޕޯޓް ނޫން ގޮތެއް ނެތް ކަމަށް ޓްރާންސްޕޯޓް ދިރާސާވެރިޔާ ހާފިދާ ފަޙްމިއާސާރީ ބުނެފައިވެއެވެ.

ހާދިސާ ހިނގީ ރޭގަނޑު 9 ޖެހުމުގެ ކުޑައިރުކޮޅެއް ކުރިން ބެކާސީ ސަރަޙައްދުގައެވެ. ތޮއްޖެހިފައި އޮންނަ ރޭލުގެ އެންމެ ފަހު ކޮމްޕާޓްމަންޓަކީ އަބަދުވެސް އަންހެނުންނަށް ޚާއްޞަ ބައެވެ. ނަމަވެސް މި ހާދިސާގައި އެ ކޮމްޕާޓްމަންޓަށް އެންމެ ބޮޑު ގެއްލުން ލިބުނީ، ފަހަތުން އައި ރޭލު ޖެހުނީ އެ ބަޔަށް ކަމަށް ވާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް