އެބުނާ ސެލްފީ -
ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން ޑިނާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަރައިލާން މަސައްކަތްކުރި ކަމުގެ ދައުވާ އުފުލާފައިވާ މީހާ، ހަމަލާ ދިނުމުގެ މިނެޓްތަކެއް ކުރިން ހޮޓެލް ކޮޓަރީގައި ހަތިޔާރާ އެކު ސެލްފީއެއް ނެގި ކަމަށް ޕްރޮސެކިއުޓަރުން ބުދަ ދުވަހު ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ.
ކެލިފޯނިއާގެ ޓޮރެންސަށް ނިސްބަތްވާ 31 އަހަރުގެ ކޯލް އެލެން، ވޮޝިންޓަން ހިލްޓަން ހޮޓެލުގެ ކޮޓަރީގައި ސެލްފީ ނެގި އިރު ވަޒަން ބޭގަކާއި ބަޑި ހޯލްސްޓަރަކާއި ވަޅިއެއް ފެންނަން ހުރި ކަމަށް އެ ލިޔެކިޔުންތަކުގައި ބުނެފައިވެއެވެ. ހޮނިހިރު ދުވަހުގެ ރޭ ހޮޓެލުގެ ބޯލްރޫމް ކައިރީ ސެކިއުރިޓީ ބެރިކޭޑްތައް ފޫއަޅުވައި ވަންނަން އުޅުމުގެ ތެރޭގައި ސީކްރެޓް ސާވިސް އެޖެންޓުންނާ ބަޑީގެ ހަމަލާ ބަދަލުކުރެވުނެވެ. ޓްރަމްޕަށް އެއްވެސް އަނިޔާއެއް ނުލިބެއެވެ. ސީކްރެޓް ސާވިސް އޮފިސަރެއްގެ ގަޔަށް ވަޒަން އެރި ނަމަވެސް، ބުލެޓްޕްރޫފް ވެސްޓުގެ ސަބަބުން ސަލާމަތްވިއެވެ.
ޕްރޮސެކިއުޓަރުން ބުނީ އެލެން އެ ރޭ ޓްރަމްޕްގެ ހަރަކާތްތައް އޮންލައިންކޮށް ބެލި ކަމަށާއި، ހިލްޓަން ހޮޓެލަށް ޓްރަމްޕް ވެހިކަލުން ފައިބައި ވަންނަ މަންޒަރުގެ ލައިވް ކަވަރޭޖް ވެސް ބެލި ކަމަށެވެ. ރޭގަނޑު 8:30 ހާއިރު "މާފާއި ތަފްސީލް" ސުރުޚީގައި އީމެއިލްތަކެއް ވެސް ފޮނުވި ކަމަށް ތަޙުޤީޤުން ހާމަވެފައިވެއެވެ.
އެފްބީއައި އިން ހޯމަ ދުވަހު ހުށަހެޅި ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި، އެލެން މި ހަމަލާ ރާވަން ފެށީ ހަފުތާތަކެއް ކުރިންނެވެ. އެޕްރީލް ހައެއްގައި ހިލްޓަން ހޮޓެލުން ކޮޓަރިއެއް ބުކްކޮށް، ކެލިފޯނިއާ އިން ރޭލުގައި ވޮޝިންޓަނަށް ދަތުރުކޮށް، ޑިނާ ބާއްވާ ދުވަހުގެ ކުރީ ދުވަހު ހޮޓެލަށް ޗެކްއިން ކުރިއެވެ.
އެލެންގެ މައްޗަށް ރައީސް އަވަހާރަކޮށްލަން މަސައްކަތްކުރުމުގެ ދައުވާ ހޯމަ ދުވަހު އުފުލާފައިވާ އިރު، ބަންދުގައި ބެހެއްޓުމާ ގުޅޭ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް