އިންޑިއާގެ ވިދާން ސަބާ އިންތިޚާބު: ވިޖޭގެ ޓީވީކޭ "ކިންގްމޭކަރ" އަށް ވެދާނެ ކަމަށް އެގްޒިޓް ޕޯލުން ދައްކައިފި

އިންޑިއާގެ ޓެމިލް ނާޑޫގައި ކުރިއަށް ގެންދިޔަ ވިދާން ސަބާ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން، ފިލްމީ ތަރި ވިޖޭ 2024 ވަނަ އަހަރު އުފެއްދެވި ތަމިލަގަ ވެއްޓްރި ކަޒަގަމް (ޓީވީކޭ) "ކިންގްމޭކަރ" އަށް ވެދާނެ ކަ...

29 Apr 2026 | 23:57
އެކްޓަރު ޖޯޒަފް ވިޖޭ ޗަންދުރަޝޭކަރ (ތަލަޕަތި ވިޖޭ) -

އެކްޓަރު ޖޯޒަފް ވިޖޭ ޗަންދުރަޝޭކަރ (ތަލަޕަތި ވިޖޭ) -

އިންޑިއާގެ ޓެމިލް ނާޑޫގައި ކުރިއަށް ގެންދިޔަ ވިދާން ސަބާ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން، ފިލްމީ ތަރި ވިޖޭ 2024 ވަނަ އަހަރު އުފެއްދެވި ތަމިލަގަ ވެއްޓްރި ކަޒަގަމް (ޓީވީކޭ) "ކިންގްމޭކަރ" އަށް ވެދާނެ ކަމަށް ދައްކައިފިއެވެ.

އެކްސިސް މައި އިންޑިއާ އެގްޒިޓް ޕޯލުން ލަފާކުރާ ގޮތުގައި 234 ގޮނޑީގެ ތެރެއިން ޓީވީކޭއަށް 98-120 ގޮނޑި ލިބިދާނެއެވެ. ވެރިކަން ކުރާ ޑީއެމްކޭ-ކޮންގްރެސް އެލަޔަންސަށް 92-110 ގޮނޑި ލިބޭނެ ކަމަށް ލަފާކުރާއިރު، އެންޑީއޭ (އައިއޭޑީއެމްކޭ-ބީޖޭޕީ) އަށް ލަފާކުރެވެނީ 22-32 ގޮނޑިއެވެ. ނަމަވެސް ޕީޕަލްސް އިންސައިޓް ޕޯލުން ޓީވީކޭއަށް ލަފާކުރީ 30-40 ގޮނޑިއެވެ.

މިއީ ޓީވީކޭ ވާދަކުރާ ފުރަތަމަ އިންތިޚާބެވެ. ވިޖޭ ގެންދިޔައީ އެއްވެސް ޕާޓީއެއްގެ ކޯލިޝަނަކާ ނުގުޅި، އެކަނި 234 ގޮނޑިއަށް ވާދަކޮށް، ޗީފް މިނިސްޓަރު އެމްކޭ ސްޓާލިންގެ ދާއިރާ ކޮލާތޫރު ފަދަ ބޮޑެތި ދާއިރާތަކުގައި ވެސް ކެންޑިޑޭޓުން ނެރެގެންނެވެ. ވިޖޭ އަމިއްލައަށް ވެސް ދެ ދާއިރާއަކަށް ވާދަކުރެއެވެ.

ޓެމިލް ނާޑޫގެ ސިޔާސީ މައިދާނުގައި ޑީއެމްކޭ އާއި އައިއޭޑީއެމްކޭ ވާދަކުރަމުން އައި ދިގު ތާރީޚް ބަދަލުވެ، ތިން ފަރާތެއް ވާދަކުރާ މައިދާނަކަށް ހެދުމުގައި ޓީވީކޭ ކާމިޔާބުވެއްޖެ ނަމަ، މިއީ އެ ސްޓޭޓުގެ ސިޔާސީ ތާރީޚު ބަދަލުވެގެން ދާނެ ކަމެކެވެ.

ޓެމިލް ނާޑޫގެ އިތުރުން، މި ފަހަރުގެ ވިދާން ސަބާ އިންތިޚާބުގެ އެންމެ ބޮޑު ސުރުޚީ އަކީ ވެސްޓް ބެންގޯލެވެ. 2011 އިން ފެށިގެން މަމަތާ ބެނަރޖީގެ ޓީއެމްސީ ވެރިކަން ކުރަމުން އައި ސްޓޭޓުގައި، ގިނަ އެގްޒިޓް ޕޯލްތަކުން ދައްކަނީ ބީޖޭޕީ ތާރީޚީ ގޮތެއްގައި ފުރަތަމަ ފަހަރަށް ވެރިކަމާ ހަމައަށް ފޯރައިފާނެ ކަމަށެވެ. ނަމަވެސް ޕީޕަލްސް ޕަލްސް ޕޯލުން ލަފާކުރަނީ ޓީއެމްސީ ހަތަރު ވަނަ ދައުރެއް ހޯދާނެ ކަމަށެވެ.

ކެރެލާ އިންތިޚާބުގެ ނަތީޖާ ވެސް ސަމާލުކަން ހޯދައެވެ. ކެރެލާގައި ދެ އެލަޔަންސް — ޔޫޑީއެފް (ކޮންގްރެސް) އާއި އެލްޑީއެފް (ސީޕީއެމް) — ބަދަލުބަދަލުން ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުކުރަމުން އައި ތާރީޚީ ޕެޓާނެއް ދެމިއޮވެއެވެ. ގިނަ އެގްޒިޓް ޕޯލްތަކުން ދައްކަނީ އެ ޕެޓާނާ އެއްގޮތަށް، ވެރިކަން ކުރާ އެލްޑީއެފް ބަލިވެ ޔޫޑީއެފް އެނބުރި ވެރިކަމަށް އައިސްދާނެ ކަމަށެވެ. ނަމަވެސް ބައެއް ޕޯލްތަކުން ހަންގް އެސެމްބްލީއެއް ވެދާނެ ކަމަށް ވެސް ދައްކައެވެ.

ފަސް ސްޓޭޓުގެ ރަސްމީ ނަތީޖާ އެނގޭނީ މެއި ހަތަރެއްގައި ވޯޓު ގުނައި ނިމުމުންނެވެ. އެގްޒިޓް ޕޯލަކީ ލަފާކުރުމެއް ކަމުން، ރަސްމީ ނަތީޖާ ތަފާތުވުމުގެ ފުރުޞަތު އެބައޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް