N/A
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން މާލޭ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ޝަރުޠުތަކަކާއެކު ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުޞަތު ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ހުޅުވައިލައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ބިންވެރިޔާ މަޝްރޫޢުން ގޯތި ލިބުނު ފަރާތްތަކުގެ ތެރޭގައި ގެދޮރު އިމާރާތްކުރާނެ ތަނަވަސްކަން ނެތް ފަރާތްތައް ތިބި ކަމަށެވެ. އެފަދަ ފަރާތްތަކަށް ހައުސިންގ ޔުނިޓު ލިބިއްޖެ ނަމަ، ލިބިފައިވާ ގޯތި ދޫކޮށްލާ ގޮތަށް، މިހާރު ހުޅުވައިލާފައިވާ ސްކީމަށް ކުރިމަތިލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ގޮތަށް ދޫކޮށްލާ ގޯތިތައް، ކުރީގެ ސްކީމުން ދެން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ނުވަތަ އާ ސްކީމެއް މެދުވެރިކޮށް އަދުލުވެރި ގޮތަކަށް އަލުން ދޫކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ހުޅުމާލޭގައި ގޯތި ދޫކޮށްފައިވާ ސަރަޙައްދުތަކުގެ މަގުހެދުމާއި ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ ކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ހިނގަމުންދާ ދައުރުގެ ތެރޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މެދުވެރިކޮށް އެތައް ހާސް ރައްޔިތުންނަށް އެ ދައުރުގެ ތެރޭގައި ފްލެޓް ލިބި، ހިކިފަސްތާކުން ގޯތި ލިބޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. އެ ގޮތުން ބީ.އެމް.އެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢު 2028 ގެ ޖުލައި މަހާ ހަމައަށް ނިންމައި، އެ ޔުނިޓުތަކުގައި މީހުން ދިރިއުޅޭނެ ކަމަށް އަންދާޒާކުރައްވާ ކަމަށާއި، މިހާރު ހުޅުވައިލާފައިވާ އަށް ހާސް ފްލެޓުގެ ސްކީމް ވެސް މި ދައުރުގެ ތެރޭގައި ނިންމެވުމަށް ގަސްދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް