އެމެރިކާގެ 50 ސްޓޭޓުގައި "ނޯ ކިންގްސް" މުޒާހަރާ: އެ ޤައުމުގެ ތާރީޚުގައި އެއް ދުވަހެއްގައި ބޭއްވި އެންމެ ބޮޑު މުޒާހަރާ

މާޗް 28 ވަނަ ދުވަހު އެމެރިކާގެ 50 ސްޓޭޓުގައި "ނޯ ކިންގްސް" ނުވަތަ "ރަސްކަލުންނެއް ނެތް" ގެ ނަމުގައި ބޮޑެތި މުޒާހަރާތައް ބާއްވައި، ގާތްގަނޑަކަށް 8 މިލިއަނާއި 9 މިލިއަނާ ދެމެދު މީހުން މަގުތަކަށް ނުކުމެ،...

30 Mar 2026 | 06:30
N/A

N/A

މާޗް 28 ވަނަ ދުވަހު އެމެރިކާގެ 50 ސްޓޭޓުގައި "ނޯ ކިންގްސް" ނުވަތަ "ރަސްކަލުންނެއް ނެތް" ގެ ނަމުގައި ބޮޑެތި މުޒާހަރާތައް ބާއްވައި، ގާތްގަނޑަކަށް 8 މިލިއަނާއި 9 މިލިއަނާ ދެމެދު މީހުން މަގުތަކަށް ނުކުމެ، އެ ޤައުމުގެ ތާރީޚުގައި އެއް ދުވަހެއްގައި ބޭއްވި އެންމެ ބޮޑު މުޒާހަރާގެ ރެކޯޑް ހަދައިފިއެވެ.

މި މުޒާހަރާތަކުގައި ބައިވެރިން ރުޅިވެރިކަން ފާޅުކޮށްފައި ވަނީ ޓްރަމްޕް ސަރުކާރުގެ އީރާނު ހަނގުރާމައާއި، ތެލާއި ކާބޯތަކެތީގެ އަގު އުފުލުމާއި، ގަވާއިދާ ޚިލާފަށް އުޅޭ މީހުން ފޮނުވާލުމުގެ ސިޔާސަތާ ދެކޮޅަށެވެ.

މިއީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ވެރިކަމާ ހަވާލުވި ފަހުން "ނޯ ކިންގްސް" ގެ ނަމުގައި ބާއްވާ ތިންވަނަ ބުރުގެ މުޒާހަރާތަކެވެ. 3,300 އަށް ވުރެ ގިނަ އިވެންޓް ރާވާފައިވާ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ބުންޏެވެ. މީގެ ކުރިން ޖޫން 2025 ގައި ބޭއްވި ފުރަތަމަ ބުރުގައި ގާތްގަނޑަކަށް 5 މިލިއަން މީހުން ބައިވެރިވިއިރު، އޮކްޓޯބަރުގައި ބޭއްވި ދެވަނަ ބުރުގައި ގާތްގަނޑަކަށް 7 މިލިއަން މީހުން ބައިވެރިވިއެވެ.

މި ބުރުގެ މައި މުޒާހަރާ ބާއްވާފައި ވަނީ މިނެސޯޓާގެ ސެއިންޓް ޕޯލް ގައެވެ. އެ ސިޓީ ޚިޔާރުކުރީ ޓްރަމްޕް ސަރުކާރުގެ އިމިގްރޭޝަން ކްރެކްޑައުންގެ ތެރޭގައި ފެޑެރަލް އެޖެންޓުން ބަޑިޖަހައި ދެ އެމެރިކާ ރައްޔިތުން ކަމަށްވާ ރެނީ ގުޑް އާއި އެލެކްސް ޕްރެޓީ މަރާލި ހާދިސާއާ ގުޅިގެންނެވެ. މިނެސޯޓާގެ ޕަބްލިކް ސޭފްޓީ ޑިޕާޓްމަންޓުން ލަފާކުރާ ގޮތުގައި އެ ރެލީއަށް 100,000 މީހުން ހާޒިރުވިއެވެ.

މި ރެލީގައި ސެނެޓަރ ބާނީ ސެންޑާސް ތަޤުރީރުކުރެއްވި އިރު، ރޮކް ލެޖެންޑް ބްރޫސް ސްޕްރިންގްސްޓީން ޕާފޯމްކުރިއެވެ. ފޯކް ލަވަކިޔުންތެރިޔާ ޖޯން ބެއެޒް ވެސް ބައިވެރިވިއެވެ. މިއީ އެމެރިކާ އާއި އިސްތިއުމާރީ އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ބޭއްވި ފުރަތަމަ "ނޯ ކިންގްސް" މުޒާހަރާއެވެ.

މުޒާހަރާ އިންތިޒާމުކުރި ފަރާތްތަކުން ބުނި ގޮތުގައި ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މުޒާހަރާ ބާއްވާފައި ވަނީ ރިޕަބްލިކަން ޕާޓީގެ ބާރު ގަދަ ސަރަޙައްދުތަކުގައެވެ. ޓެކްސަސް، ފްލޮރިޑާ އަދި އޮހައިއޯ ކޮންމެ ސްޓޭޓެއްގައި 100 އަށް ވުރެ ގިނަ އިވެންޓް ބާއްވާފައިވެއެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި ރޯމް، ޕެރިސް އަދި ބާލިން ފަދަ ސިޓީތަކުގައި ވެސް މި މުޒާހަރާތައް ބާއްވާފައިވެއެވެ.

ގިނަ ސިޓީތަކުގައި މުޒާހަރާ ސުލްޙަވެރިކަމާ އެކު ކުރިއަށް ދިޔަ ނަމަވެސް، ޕޯޓްލެންޑް ގައި އައިސީއީ ފެސިލިޓީ ކައިރީގައި މުޒާހަރާ ހޫނުވެ ފުލުހުން ހައްޔަރުކުރަން ފެށިއެވެ. ލޮސް އެންޖެލީސް ގައި ޑިޓެންޝަން ސެންޓަރެއް ކައިރީ ބައެއް މީހުން ފެޑެރަލް އޮފިސަރުންނާ ދިމާއަށް ގައު، ފުޅި އަދި ކޮންކްރީޓް ބުލޮކް އުކުމުން 9 މީހުން ހައްޔަރުކޮށް ކަރުނަ ގޭސް ބޭނުންކޮށްފައިވެއެވެ. ޑެލަސް ގައި "ނޯ ކިންގްސް" ހިނގާލުމުގައި ކައުންޓަރ ޕްރޮޓެސްޓަރުންނާ ކުރިމަތިލުން ހިނގައި ފުލުހުން ވެސް ނުކުންނަން ޖެހުނެވެ. ކައުންޓަރ ޕްރޮޓެސްޓަރުންގެ ތެރޭގައި ޖެނުއަރީ 6 ގެ ހާދިސާގައި ކުށް ސާބިތުވެ ފަހުން ޓްރަމްޕް މާފުދިން ޕްރައުޑް ބޯއީސްގެ ކުރީގެ ލީޑަރު އެންރީކޭ ޓެރީއޯ ވެސް ހިމެނެއެވެ. ނިއުޔޯކް ސިޓީގައި ފަސް ބޮރޯ ގައި ވެސް އެތައް ހާސް ބަޔަކު ހިނގާލި އިރު، އެންމެ ހައްޔަރެއް ވެސް ކޮށްފައެއް ނުވެއެވެ.

އާދީއްތަ ދުވަހުގެ ހެނދުނާ ހަމައަށް ރައީސް ޓްރަމްޕް މި މުޒާހަރާތަކާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ. ވައިޓް ހައުސް ގެ ތަރުޖަމާނު އެބީގެއިލް ޖެކްސަން ވަނީ މި މުޒާހަރާތައް ސިފަކޮށްފައި ވަނީ "ޓްރަމްޕް ޑީރޭންޖްމަންޓް ތެރަޕީ ސެޝަންތައް" ގެ ގޮތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް