ދަރިވަރުން ދަސްވެނިވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގގެ ފުރަތަމަ
ކޯހުގެ ދަރިވަރުން ދަސްވެނިވެއްޖެއެވެ.
އެކަމަށް ޓަކައި ޑިސެންބަރު 28ވަނަ ދުވަހު
އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ، ޅ. މާފިލާފުށީގައި ބޭއްވި
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން
މައުމޫނެވެ.

2025 ސެޕްޓެންބަރު
27އިން 2025 ޑިސެންބަރު 28އަށް އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ ޅ.
މާފިލާފުށީގައި ކުރިއަށްގެންދިޔަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގގެ
ފުރަތަމަ ކޯހުގައި ރާއްޖޭގެ 108 ރަށަކަށް ނިސްބަތްވާ 350 ދަރިވަރުން
ބައިވެރިވިއެވެ. 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުން ބައިވެރިވި
އެ ކޯހުގައި ދަސްވެނިވި ދަރިވަރުންގެ އެވްރެޖް އުމުރަކީ 18 އަހަރެވެ.
މި ތަމްރީނުގައި، ދިވެހި ގައުމިއްޔަތާއި ޒިންމާދާރު
ރައްޔިތުކަމާއި، ލޭންގުއޭޖް ޕްރޮފިޝަންސީއާއި، ލީޑަރޝިޕާއި، އިސްލާމިކް
ސްޓަޑީސްއާއި، ފިޒިކަލް ޓްރޭނިންގއާއި، ވޯޓަރމަންޝިޕާއި، ޑްރިލްއާއި، ފަސްޓް
އެއިޑާއި، ފަޔަރ ފައިޓިންގއާއި، ސެލްފް ޑިފެންސް އަދި ކޭމްޕް އެކްޓިވިޓީސް
އުނގަންނައިދީފައި ވެއެވެ. މި މާއްދާތައް ކިޔަވައިދީފައި ވަނީ ސިފައިންގެ
މުދައްރިބުންގެ އިތުރުން ކަމާ ބެހޭ ވުޒާރާތަކުގެ ފަންނީ މާހިރުންނެވެ.

13 ހަފުތާގެ
މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، 344 ދަރިވަރުން
ވަނީ ދަސްވެނިވެފައެވެ. މީގެ ތެރެއިން 96 އިންސައްތަ ދަރިވަރުން ވަނީ ތަމްރީނުގައި
ކަނޑައަޅާފައިވާ މިންގަނޑުތައް ހާސިލުކޮށް، ސެޓިފިކެޓް 3 އިން ސިވިކް އެޑިޔުކޭޝަން
އެންޑް ލީޑަރޝިޕް އެވޯޑް ހާސިލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންގެ
އިތުރުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި
އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން އަދި ދަރިވަރުންގެ އާއިލާތަކުގެ މެންބަރުން
ބައިވެރިވެލެއްވިއެވެ.

މި ޓްރޭނިންގ ޕްރޮގްރާމަކީ އަމިއްލަ ނަފުސަށް
އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ،
ގައުމިއްޔަތަށް ލޯބިކުރާ، ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނާ، ޒިންމާދާރު ދިވެހި
ރައްޔިތެއް ބިނާކުރުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ
އެންމެ މަތީ ވެރިޔާގެ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚިޔާލުފުޅާ އެކު
ކުރިއަށްގެންދިޔަ ޓްރޭނިންގ ޕްރޮގްރާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް