ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލުގައި "އައުޓްޕޭޝަންޓް ނާސިންގް ސާވިސަސް"ގެ ނަމުގައި އާ ޚިދުމަތެއް އިއްޔެ ފަށައިފިއެވެ.
އެ ޚިދުމަތް ތަޢާރަފްކޮށްދެއްވީ އިއްޔެ ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމެވެ. ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެއީ ޢާންމުކޮށް ބޭނުންވާ ނާސިން ފަރުވާތައް ރައްޔިތުންނަށް ލުއިފަސޭހަކަމާ އެކު އަވަހަށް ފޯރުކޮށްދިނުމަށް ތަޢާރަފްކުރި ޚިދުމަތެއް ކަމަށެވެ. އައުޓްޕޭޝަންޓް ނާސިންއަކީ ހޮސްޕިޓަލުގައި އެޑްމިޓް ނުކޮށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ އެކި ޚިދުމަތްތައް ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
މި ޚިދުމަތުގެ ދަށުން އިންޖެކްޝަން ޖަހައިދިނުމާއި ބޭސް އަޅައިދިނުމާއި އާވި އަރުވައިދިނުމާއި ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބަލައިދިނުމާއި ހަކުރު ބަލައިދިނުމާއި ލޭ ނެގުމާއި ލޭ ހަދިޔާކުރުމުގެ ޚިދުމަތް ލިބޭނެއެވެ. އޭގެ އިތުރުން ވެސް ނަރުހުންގެ އެހެން ޚިދުމަތްތައް ނާސިން އޯޕީޑީން އަވަހަށް ލިބޭނެ ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.
އައުޓްޕޭޝަންޓް ނާސިންގެ ޚިދުމަތް ދެމުން ގެންދާނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް