ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ލ. އަތޮޅުގައި ތިންވަނަ އެއާޕޯޓެއް އެޅުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލ އަތޮޅުގައި އެއާޕޯޓު އޮންނަނީ ކައްދޫގައި އެވެ. ދެވަނަ އެއާޕޯޓެއް އެ އަތޮޅުގައި އެޅުމަކީ ރައީސްގެ ވައުދުފުޅެކެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވަޢުދުވެވަޑައިގެންނެވީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަށް ކަމަށާއި އެ އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވަނީ އިސްދޫ-ކަލައިދޫގައި ކަމަށެވެ. އިތުރު އެއާޕޯޓެއް އަޅާ ގޮތައް ހަމަޖެހިފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެއް ނަމަވެސް އެ އެއާޕޯޓް އަޅާނެ ވަކި ރަށެއް މީގެ ކުރިން ކަނޑައެޅިފައެއް ނުވެއެވެ. ރައީސް ކުރިން ވިދާޅުވެފައިވަނީ އެއާޕޯޓް ތަރައްޤީކުރައްވާނީ ދުރުރާސްތާއަށް ވިސްނަވައި އިޤުތިޞާދީ ގޮތުން ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުވާނެ ގޮތަކަށް ކަމަށާއި ގިނަ ރިސޯޓުތަކެއް ތަރައްޤީކުރެވެން އޮތް ހިސާބެއްގައި ކަމަށެވެ.
އިސްދޫ ކަލައިދޫގައި އެއާޕޯޓު އެޅުމަށް ހަމަޖެހިފައިވާކަން އިއުލާނު ކުރީ ހައުސިން މިނިސްޓްރީން މިދިޔަ ހަފްތާ ތެރޭގައި އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި އެ ރަށަކީ އާބާދީ އާއި ތަރައްޤީ އެއްފަސްކުރުމުގެ ފުރުޞަތު އޮތް ރަށެއް ކަމަށާއި ވަށައިގެން އޮތް ރަށްތަކުގެ ގުދުރަތީ ރީތިކަމާ އެކު ޓޫރިޒަމުން މަންފާ ހޯދައިދެވޭނެ ކަމަށެވެ. މި އެއާޕޯޓުގެ ސަބަބުން ދަނބިދޫ އާއި މާބައިދޫގެ ރައްޔިތުންނަށް ވެސް ބޮޑު ލުޔެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އެއާޕޯޓް އެޅުމަށް ލ. މާވަށް ކައިރީގައި އަދި ލ. މެންދޫގައި އެޅުމަށް ސަރުކާރަށް ހުށަހެޅުންތައް ލިބިފައިވެއެވެ. އަދި މާވަށުގައި އެއާޕޯޓު އަޅުއްވާނެކަމުގެ އިޝާރާތެއް ރައީސް ކުރެއްވި ކަމަށް އެ ރަށު ރައްޔިތުން ދަނީ ބުނަމުންނެވެ.
އެފަދަ އިޝާރާތެއް ކުރެއްވުމަށް ފަހު އިސްދޫ ކަލައިދޫގައި އެއާޕޯޓު އަޅަން ނިންމުމުން މާވަށުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މާވަށަކީ ލ. އަތޮޅުގެ ރަށްތަކާއި ދުރުގައި އޮންނަ ރަށެކެވެ.
އެ ރަށް ކައިރީގައި ބައެއް ރިސޯޓުތަކާއި ރިސޯޓު ތަރައްޤީކުރެވޭނެ ފަޅު ރަށްތައް ހުރިއިރު ކައްދޫގައި މިހާރު ހުރި ހަމައެކަނި އެއާޕޯޓަށް ދިޔުމަށް 40 ވަރަކަށް މިނެޓުގެ ކަނޑު ދަތުރެއް ކުރަންޖެހެއެވެ. އިސްދޫ-ކަލައިދޫގައި އެއާޕޯޓް އެޅިޔަސް މާވަށުގެ ރައްޔިތުންނަށް ކަނޑުދަތުރުފަތުރަށް ލުޔެއް ނުލިބެ ކަމަށް އެމީހުން ކުރަމުންދާ ޝަކުވާތަކުގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް