N/A
ވިސާއާ ނުލައި 90 ދުވަހުގެ މުއްދަތަކަށް އަޒަރުބައިޖާނަށް ދަތުރުކޮށް އެ ޤައުމުގައި މަޑުކުރެވޭ ގޮތަށް، ދިވެހިންނަށް މިއަދުން ފެށިގެން ހަމަޖެހިއްޖެއެވެ.
ފޮރިން މިނިސްޓްރީން ބުނީ، 24 ސެޕްޓެމްބަރު 2025 ގައި ދިވެހިރާއްޖެ އާއި އަޒަރުބައިޖާނާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްޒެމްޝަން އެއްބަސްވުމަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން، އޯޑިނަރީ ޕާސްޕޯޓުގައި ދިވެހިންނަށް ގިނަވެގެން 90 ދުވަހުގެ މުއްދަތަށް އަޒަރުބައިޖާނުގައި ވިސާއާ ނުލައި މަޑުކުރެވޭނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ޖޫން 18 އިން ފެށިގެން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވެސް ވިސާއާ ނުލައި އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތަށް ދެ ޤައުމުގެ ދެމެދުގައި ވަނީ އެއްބަސްވެފައެވެ.
ނަމަވެސް، އަޒަރުބައިޖާނުގައި ދިގު މުއްދަތަކަށް ތިބުމަށާއި، ވަޒީފާ އަދާކުރުމާއި، ތަޢުލީމު ހާސިލްކުރުމާއި، ވިޔަފާރި ކުރުމަށް ގަސްދުކުރާ ފަރާތްތަކުން، ދަތުރުކުރުމުގެ ކުރިން ކަނޑައެޅިފައިވާ ވިސާއެއް ހޯދަންޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ދިވެހިންނަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތް ހަމަޖެއްސުމަކީ ދިވެހި ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް