މަދިރި އާލާވާ ތަންތަން ދެނެގަންނަން ޖޮއިންޓް އިންސްޕެކްޝަނެއް ހިންގައިފި

މަދިރި ކޮންޓްރޯލް ކުރުމާއި މަދިރި އާލާވާ ތަންތަން ނައްތާލުމަށްޓަކައި، ގްރޭޓަރ މާލޭ ސަރަޙައްދުގައި ޚާއްޞަ ޖޮއިންޓް އިންސްޕެކްޝަނެއް ހިންގައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މި...

29 Apr 2026 | 08:28
N/A

N/A

މަދިރި ކޮންޓްރޯލް ކުރުމާއި މަދިރި އާލާވާ ތަންތަން ނައްތާލުމަށްޓަކައި، ގްރޭޓަރ މާލޭ ސަރަޙައްދުގައި ޚާއްޞަ ޖޮއިންޓް އިންސްޕެކްޝަނެއް ހިންގައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 19 އިން 23 އަށް ކަމަށެވެ. އެޗްޕީއޭގެ އިސްނެގުމާ އެކު މި މަސައްކަތުގައި ބައިވެރިވީ، މާލޭ ސިޓީ ކައުންސިލާއި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި، މޯލްޑިވިއަން ރެޑް ކްރެސެންޓާއި، ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލެވެ.

މި އިންސްޕެކްޝަންގައި އިމާރާތްކުރަމުންދާ ސައިޓުތަކާއި، މީހުން ދިރިއުޅޭ އިމާރާތްތަކުގެ އިތުރުން ބޭނުން ނުކުރާ ހުސް ޖާގަތައް ވަނީ ބަލައި ފާސްކޮށްފައެވެ. އެޗްޕީއޭއިން ބުނީ، ޖުމްލަ 308 ތަން އިންސްޕެކްޓު ކުރެވުނު އިރު، މާލެއިން 153 ތަން، ހުޅުމާލެއިން 83 ތަން، ވިލިމާލެއިން 59 ތަން، ތިލަފުށިން 12 ތަން އަދި ގުޅީފަޅުން އެއް ތަން ފާސްކޮށްފައިވާ ކަމަށެވެ.

އިންސްޕެކްޝަންގެ ތެރެއިން މަދިރި އާލާވާ ކަމަށް ބެލެވޭ ގިނަ ތަންތަން ފާހަގަކުރެވި، އެ ތަންތަން ވަނީ ނައްތާލާފައެވެ. އެންމެ ގިނައިން މަދިރި އާލާވާ ކަން ފާހަގަކުރެވުނީ ފެން އަޅާފައި ހުންނަ އެކި ކަހަލަ ތަކެއްޗާއި، ފެފާ، ތާނގި، އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު، ޓަޔަރު އަދި ޕްލާސްޓިކް ފުޅި ފަދަ ތަކެތީގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މި އިންސްޕެކްޝަންތަކުގެ މައިގަނޑު މަގުޞަދަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް މަދުކުރުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލައި، ވަށައިގެންވާ މާހައުލު ސާފުތާހިރުކޮށް ބެލެހެއްޓުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް