N/A
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރުމަށް ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރި އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ޓިކެޓު ދޫކޮށްލައްވައި، ޕާޓީގެ އާ ކެނޑިޑޭޓަކަށް ފުރުސަތު ދެއްވުމަށް ނިންމަވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ، ޕްރައިމަރީ އަށް ފަހު ފާއިތުވި ތިން ދުވަހު ދާއިރާގެ ގިނަ ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަމަށާއި، އެ މަޝްވަރާތަކުން މި ފަހަރު ގޮނޑި ކާމިޔާބު ކުރުމަށް އެންމެ ފަހި ވާނީ އޭނާ ފަހަތަށް ޖެހި، އާ ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް ފެނިވަޑައިގަތް ކަމަށެވެ. އެ ނިންމުން ޕާޓީގެ ރައީސަށާއި ލީޑަރޝިޕަށް އަންގަވާފައިވާ ކަމަށާއި، އެ ނިންމުން އިޚްތިރާމާ އެކު ބަލައިގެންފައިވާ ކަމަށް ވެސް ސިނާން ވިދާޅުވިއެވެ.
ޕީއެންސީގެ ޕްރައިމަރީގައި ސިނާންގެ އިތުރުން ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ. ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގައި ސިނާނަށް 226 ވޯޓު ލިބުނު އިރު، ސައީދަށް ލިބުނީ 187 ވޯޓެވެ. "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ސިނާން ވިދާޅުވީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ބަލިކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ ޕާޓީން އާ މޫނަކަށް ފުރުސަތު ދިނުން ކަމަށެވެ. އޭނާ ހުންނަވާނީ ސައީދާ އެކު ކަމަށް ވެސް ސިނާން ވިދާޅުވިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، 2.5 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކެވި މައްސަލާގައި ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ވަނަ ދުވަހު ހުކުމްކުރުމާ ގުޅިގެންނެވެ. އެ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ ޖޫން މަހުގެ ހަ ވަނަ ދުވަހުއެވެ. ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް