މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
ރޭ މާލެ ސަރަހައްދަށް ބާރަށް ގުގުރައި ހޮނު އެޅި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އިމާރާތަކަށް ހޮނު އެޅި ގޮނގުރިޓު ބައިތައް ވެއްޓި، ބައެއް ގެތަކުން ކަރަންޓު ކެނޑުނެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނީ، އޭޕްރީލް މަހު ހޫނު ގަދަ ދުވަސްތައް ގިނަވެފައި، ވިއްސާރަ ކުރީމާ ގުގުރުމާއި ހޮނު އެޅުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ. އެހެންވީމާ، ހޫނާ ގުގުރުމާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟
ހޫނު ގަދަވީމާ ގުގުރާ ވިލާ އުފެދެނީ ކިހިނެއް؟
ގުގުރާ ވިއްސާރައެއް އުފެދެން ތިން ކަމެއް ބޭނުންވެއެވެ. އެއީ ޖައްވުގައި ތެތްކަން ހުރުމާއި، ޖައްވު "އަންސްޓޭބަލް" ވުމާއި، ވައި މައްޗަށް އަރާނެ ގޮތެއް ހުރުމެވެ.
އިރުގެ ހޫނުން ބިންމަތީގެ ވައި ހޫނުވީމާ، އެ ވައި ލުއިވެ، ބާރަށް މައްޗަށް އަރައެވެ. މައްޗަށް ދާ ވަރަކަށް ވައި ފިނިވެ، ވައިގައި ހުރި ތެތްކަން ގަނޑުވެ، ފެން ތިކިތަކާއި އައިސް ކްރިސްޓަލް އުފެދެއެވެ. މި ޕްރޮސެސްގައި "ކިއުމިއުލޯނިމްބަސް" ނުވަތަ ގުގުރާ ވިލާ އުފެދެއެވެ. މި ވިލާތައް 10 ކިލޯމީޓަރަށް ވުރެ އުހަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ.
ހޫނު ގަދަ ދުވަސްތަކެއް ދިއުމަށް ފަހު ވިއްސާރަ ކުރީމާ ގުގުރުން ގިނަވާ ސަބަބަކީ މިއީ އެވެ. ބިންމައްޗާ ކައިރީ ހޫނު ވައި ހުރެ، މަތީގައި ފިނި ވައި ހުރީމާ، ޖައްވުގެ ތެރޭގައި ހޫނުމިނުގެ ތަފާތު ބޮޑުވެ، ވައި މައްޗަށް އަރާ ބާރުމިން އިތުރުވެ، ގުގުރާ ވިލާ އުފެދެން ފަހި ވަނީ އެވެ.
ވިލާ ތެރޭގައި ހޮނު އުފެދެނީ ކިހިނެއް؟
ގުގުރާ ވިލާ ތެރޭގައި ބާރު ވައިގެ އޮޔާ އެކު ފެން ތިކިތަކާއި އައިސް ކްރިސްޓަލްތަކާއި ގްރައުޕެލް (ގަނޑުފެނުގެ ބޮޑެތި އެތިކޮޅު) ޖެހި ފިތެއެވެ. މި ޖެހުންތަކުގައި، ލުއި އައިސް ކްރިސްޓަލްތައް ޕޮޒިޓިވް ޗާޖް އާއެކު ވިލާގެ އެންމެ މައްޗަށް އަރާ އިރު، ބަރު ގްރައުޕެލް ނެގެޓިވް ޗާޖާ އެކު ތިރިއަށް ފައިބައެވެ. މިގޮތުން ވިލާގެ މަތީގައި ޕޮޒިޓިވް ޗާޖް އަދި ތިރީގައި ނެގެޓިވް ޗާޖް ވަކިވެ، ވިލާ ތެރޭ ބޮޑު އިލެކްޓްރިކް ފީލްޑެއް އުފެދެއެވެ.
ޗާޖް ތަފާތު އެކަށީގެންވާ ވަރަށް ބޮޑުވީމާ، ވައިގެ ތެރެއިން ކަރަންޓު ދައުރުކޮށް ހޮނު އަޅަނީ އެވެ. ހޮނު އަޅާ ވަގުތު ވައި 30،000 ޑިގްރީ ސެލްސިއަސް އަށް ވުރެ ހޫނުވެ، އެ ބާރުގައި ވައި ފުޅާވެ، ގުގުރުމުގެ އަޑު އުފެދެއެވެ.
ރާއްޖެ ފަދަ ހޫނު ޤައުމުތަކުގައި ގުގުރުން ގިނައީ ކީއްވެ؟
ހޫނު، ތެތް ސަރަހައްދުތަކުގައި ގުގުރާ ވިއްސާރަ ގިނަވެއެވެ. ރާއްޖެ ފަދަ ޓްރޮޕިކަލް ޤައުމެއްގައި ކަނޑުގެ ފެންމަތީ ފިނިހޫނުމިން މަތިވެ، ޖައްވުގައި ތެތްކަން ގިނަވެ، ކޮންވެކްޝަން ފަސޭހައިން ފެށެއެވެ. ޚާއްޞަކޮށް އޭޕްރީލް ފަދަ ހޫނު ގަދަ މަސްތަކުގައި، ދުވާލު ހޫނުވެފައި ހުރި ވައި ހަވީރާ ރޭގަނޑު މައްޗަށް އަރައި، ބާރުގަދަ ގުގުރާ ވިލާ އުފެދުމުގެ ފުރުސަތު ބޮޑެވެ.
އެހެންކަމުން، ރޭ ފެނިގެން ދިޔަ ފަދަ ގަދައަށް ގުގުރައި ހޮނު އެޅުމަކީ، ހޫނު ގަދަ ދުވަސްތަކަކަށް ފަހު ވިއްސާރަ ކުރީމާ ޖައްވީ ގޮތުން ހިނގާ ޠަބީޢީ ކަމެކެވެ. މެޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ވެސް ވިއްސާރަކޮށް ގުގުރާނެ ކަމަށް ބެލެވޭތީ، ހޮނު އެޅުމުގެ ނުރައްކަލަށް ސަމާލުވެ ތިބުމަކީ މުހިންމު ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް