ހުޅުމާލޭގެ އިމާރާތަކަށް ހޮނު އަޅައި ގޮނގުރިޓު ބައިތަކެއް ވެއްޓިއްޖެ

މާލެ ސަރަހައްދަށް މޫސުން ގޯސްވެ ގަދައަށް ގުގުރަމުން ދިޔަ ވަގުތު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އިމާރާތަކަށް ހޮނު އަޅައި، އެ އިމާރާތުގެ މަތީ ބައިން ގޮނގުރިޓު ބައިތަކެއް ވެއްޓިފައިވާ ކަމަށް "ސަން" އޮންލަ...

29 Apr 2026 | 00:46
ހުޅުމާލެއަށް ހޮނުއެޅުން: ހޮނުއަޅައި، އިމާރާތަކަށް ގެއްލުން ވެފައިވޭ -- ފޮޓޯ/ ސަން

ހުޅުމާލެއަށް ހޮނުއެޅުން: ހޮނުއަޅައި، އިމާރާތަކަށް ގެއްލުން ވެފައިވޭ -- ފޮޓޯ/ ސަން

މާލެ ސަރަހައްދަށް މޫސުން ގޯސްވެ ގަދައަށް ގުގުރަމުން ދިޔަ ވަގުތު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އިމާރާތަކަށް ހޮނު އަޅައި، އެ އިމާރާތުގެ މަތީ ބައިން ގޮނގުރިޓު ބައިތަކެއް ވެއްޓިފައިވާ ކަމަށް "ސަން" އޮންލައިނުން ރިޕޯޓުކޮށްފިއެވެ.

"ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރޭ ހިނގި މި ހާދިސާގައި ހޮނު އެޅީ ހުޅުމާލެ ސަހަރާ ކައިރީ ހުރި އިމާރާތަކަށެވެ. ހޮނު އެޅުމާއެކު އިމާރާތުގެ އެންމެ މަތީ ބަޔަށް ގެއްލުންވެ، ގޮނގުރިޓު އެތިކޮޅުތައް ތިރިއަށް ބުރައިގެން ދިޔައެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ރޭ މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ބާރަށް ގުގުރަމުން ދިޔައިރު، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ވެސް ކެނޑިފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ. ހުޅުމާލެއަށް ހޮނު އެޅޭ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވެސް ދައުރުވެފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. އެ ސަމާލު ނެރެފައިވަނީ ރޭ 00:00 އިން ފެށިގެން ފަތިހު 05:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް