އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު /ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރުމަށްޓަކައި
އިތުރު ވަސީލަތްތަކާއި މަގުތައް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުން
އެދެވޭ ނަތީޖާއެއް ފެންނަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ
ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު
ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ
ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް
ކުރަމުންދާ ކަމަށެވެ.
މިގޮތުން، އަސާސީ ކާބޯތަކެއްޗާއި އެހެނިހެން މުދާ
މެދުނުކެނޑި ލިބޭނެކަން ޔަޤީންކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން،
މާރިޗު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ޔޫއޭއީ އާއި ރާއްޖެއާ ދެމެދު ސީދާ ވައިގެ
ދަތުރުތައް ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން އެ ޤައުމުން
އަންނަ މުދަލުގެ މިންވަރު އިތުރުވަމުންދާއިރު، ކަނޑުމަގުން މުދާ އެތެރެކުރުމަށް
މިހާތަނަށް ބޮޑު ހުރަހެއް ކުރިމަތިވެފައި ނުވާކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖެއަށް މުދާ އެތެރެކުރާ
މައިގަނޑު ޤައުމުތަކުގެ އިތުރުން އައު މާކެޓްތައް ދިރާސާކޮށް، އެތަންތަނުން މުދާ
ގެނެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ. މީގެ ތެރޭގައި އިންޑިއާ،
ޗައިނާ، ތައިލޭންޑް، މެލޭޝިއާ، ވިއެޓްނާމް އަދި އިންޑޮނޭޝިއާ ފަދަ ޤައުމުތަކާއެކު
އޮތް ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމާއި، މީގެ ކުރިން ގުޅުން ކުޑަ މާކެޓްތަކާ
ވާހަކަދައްކައިގެން އައު މަގުތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަން އޭނާ
ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ
ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާ
ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެސްޓީއޯ މެދުވެރިކޮށް ޝިޕިންގް ލައިންތަކާ
މަޝްވަރާކޮށް، އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ތެޔޮ
ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް
ވިދާޅުވިއެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތައް ސަރުކާރުން
ވަރަށް ގާތުން ބަލަމުންދާކަމުގެ ޔަޤީންކަންވެސް ވަޒީރު ސަޢީދު ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް