ރައީސް ނައިފަރުގައި -
ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތައް ރަނުން
ރަނަށް ފުއްދަވައިދެއްވާނެކަމަށާއި، ނައިފަރުގެ ތަރައްޤީ ޙަޤީޤަތަކަށް ހެއްދެވުމަކީ
ލިބިވަޑައިގަންނަވާ އުފަލެއްގެ އިތުރުން، އެމަނިކުފާނަށް އޮތް ޛިންމާއެއް އަދި މަސްއޫލިއްޔަތެއްކަމުގައި
ވީހިނދު، ރައްޔިތުންނަށްޓަކައި އެކަންކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ
ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޅ ނައިފަރުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ، އެ
އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނައިފަރަށް ވަޑައިގެން،
އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
މި ދަތުރުފުޅުގައި ޅ.ނައިފަރުގެ ތަރައްޤީއަށްޓަކައި
ގިނަ މަޝްރޫޢުތަކެއްގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި، ޢަމަލީ މަސައްކަތްތައް ފެއްޓެވުން
ހިމެނިފައިވާއިރު، މިއީ ހުރިހާ ގޮތަކުން ހަމަޖެހިފައިވާ ކަންކަންކަމުގައި އެމަނިކުފާނު
ވިދާޅުވިއެވެ.
ޅ.ނައިފަރަކީ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން
ފާހަގަކުރައްވާ، ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މަޝްރޫޢުތައް
ނުހުއްޓި، ބާރު ދުވެލީގައި ކުރިއަށްގެންގޮސްދެއްވާ، ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން
ދެއްވާފައެވެ. ރަށުގެ ތަރައްޤީއަށް ކުރައްވާ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން
ރައީސުލްޖުމްހޫރިއްޔާ ވަނީ، އައު ބަނދަރާއި މިހާރު އޮތް ބަނދަރުގެ ކެޕޭސިޓީ އިތުރުކުރުމާއެކު،
އަނެއްކާވެސް، މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެންމެ ބޮޑު ބަނދަރެއް އޮތް އެއް
ރަށަށް ޅ.ނައިފަރު ވާނޭ ކަމަށާއި، ހަމަ ޔަޤީނުންވެސް އުތުރުގައި އޮންނަ އެންމެ ބޮޑު
ބަނދަރަށް ވާނެކަމުގައި ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ޅ.ނައިފަރަކީ ފަޚްރުވެރި
ރަށެއްކަމުގައި ސިފަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަރބަން ސެންޓަރެއްގެ ހައިސިއްޔަތުން
ރަށުގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށްޓަކައި މުހިންމު މަޝްރޫޢުތަކެއް ހިންގަވައިދެއްވާނެކަމުގެ
ޔަޤީންކަން ދެއްވާފައެވެ. ޅ.ނައިފަރުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ
ކެމްޕަހެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި މިރޭގެ ޖަލްސާގައި ސޮއިކުރައްވާފައިވާއިރު،
އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)ގެ ކެމްޕަހަކާއި ދަނާލެއް ގާއިމުކުރުމުގެ
މަސައްކަތް ދާދިއަވަހަށް ފެށޭނެކަމުގެ ޚަބަރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން، 10 ކުލާސްރޫމްއާއި، އެކި ކަހަލަ ލެބްތައް ހިމެނޭ ގޮތަށް ސްކޫލަށް އިތުރުކުރެވޭ
ޢިމާރާތުގެ ޢަމަލީ މަސައްކަތްވެސް މިއަހަރު ތެރޭ ފަށާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ
ވިދާޅުވިއެވެ. ހަމަމިއާއެކު ނައިފަރުގެ އިސްލާމީ މަރުކަޒު ގާއިމުކުރުމުގެ ކަންކަންވެސް
ހަމަޖެހިފައިވާކަމަށާއި، މި އަހަރު ތެރޭގައި ޢަމަލީ މަސައްކަތްތައް ފެށޭނެކަމުގައި
އެމަނިކުފާނު ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ
ވިދާޅުވީ ހޮސްޕިޓަލް އަޕްގްރޭޑްކުރުމުގެ ސްކޯޕް އަދިވެސް އިތުރަށް ފުޅާކުރައްވައި،
50 އެނދުގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީކޮށްދެއްވާނެކަމަށެވެ. ހަމަ މިއާއެކު
އަރބަން ސެންޓަރެއްގައި ލިބެން ހުންނަ ޞިއްޙީ ޚިދުމަތްތައްވެސް ލިބޭނެ އިންތިޒާމު ހަމަޖެހޭނެކަމުގެ
ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ބޯހިޔާވަހިކަމަކީ އަދުގެ ސަރުކާރުން އެންމެ އިސްކަމެއްދެއްވާ
އެއް ދާއިރާކަމުގައި ވީހިނދު، މި ދައުރުގެ ތެރޭގައި ޅ. ނައިފަރުގައި 800 ހައުސިންގް
ޔުނިޓްގެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށާއި، އޭގެ ތެރެއިން ގިނަ ޔުނިޓްތަކެއް
ނިންމަވައިދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ޅ. ނައިފަރަކީ ރަށުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައި
އޮތް ރަށެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ތަރައްޤީއަށް
ކުރަންހުރި ބައެއް މަސައްކަތްތަކަކީ ބިން ހިއްކުމުގެ މަޝްރޫޢު ނިމޭ ހިސާބުން ކުރިއަށްގެންދެވެން
ހުރި މަޝްރޫޢުތަކެއްކަމުގައި ފާހަގަކުރައްވާފައެވެ. ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން
45 ހެކްޓަރުގެ ބިން ރަށަށް އިތުރުކުރެވުމަކީ، ތަރައްޤީގެ އައު ޞަފުޙާއެއް އެއްލިގެން
ދިއުންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވަޢުދު ވެވަޑައިގަތީ، އެ ވަޢުދުތައް
ފުއްދަވައިދެއްވުމުގެ ބޭނުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް