N/A
ނޫސްވެރިކަމުގެ މިނިވަންކަމަކީ އިސްލާމްދީނާއި ޤާނޫނު އަސާސީގެ އިމުން ބޭރުން މީހުންގެ އަބުރާއި ޢިއްޒަތަށް އަރައިގަނެ ފުރައްސާރަކޮށް ބުލީކުރުމުގެ ނިޒާމަކަށް ބަދަލުވެއްޖެ ނަމަ މުޖުތަމަޢު ހަލާކުވެގެން ހިނގައިދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ޤާނޫނު އަސާސީގެ ދަށުން ކަށަވަރުކޮށްދީފައިވާ ކަމަށާއި، ދުނިޔޭގައި ފުޅާ ދާއިރާއެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ޤައުމަކަށް ރާއްޖެ ވާނެ ކަމަށެވެ. ނަމަވެސް މި މިނިވަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ ބޭފުޅުންނާއި ޢާއިލާ އަށާއި ވަޒީރުންނާއި ޢާއިލާތަކަށް ރާއްޖޭގެ ބައެއް ނޫސްތަކުންނާއި ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަގު އެކައުންޓްތަކުން ފުރައްސާރަކުރަމުން ގެންދަނީ މީގެ ކުރިން ނުވާ މިންވަރަށް ކަމަށެވެ. ކަންކަމަށް ފާޑުކިއުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް ޒާތީގޮތުން ދިމާކުރުމަކީ ނޭދެވޭ ޢަމަލެއް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
އަބުރާ ބެހުމާއި ގަޒުފުކުރުމާއި ދޮގު ވާހަކަ ފެތުރުމަކީ ކީރިތި ޤުރްއާނާއި ނަބިއްޔާގެ ސުންނަތުގައި ނަހީކުރައްވާފައިވާ ކަންކަން ކަމަށް ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، ނޫސްވެރިކަމަކީ ނަޤުދީ ވިސްނުމާއި ބިނާކުރަނިވި ފާޑުކިއުމުގެ މައްޗަށް ހިނގާ ނިޒާމަކަށް ވެއްޖެ ނަމަ މުޅި މުޖުތަމަޢަށް ފައިދާވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް