N/A
ބަންގްލަދޭޝްގެ ކޮކްސް ބާޒާރާއި ކުއާކަޓާގެ ގޮނޑުދޮށް ފަތުރުވެރިކަން ތަރައްޤީކުރުމުގައި ރާއްޖޭގެ ތަޖުރިބާ އާއި އެއްބާރުލުން ހޯދުމާ ބެހޭ ގޮތުން ދެ ޤައުމުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ބޭއްވީ ރާއްޖެއިން ބަންގްލަދޭޝް އަށް ކަނޑައަޅުއްވާފައިވާ ސަފީރު ޝިއުނީން ރަޝީދު، ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް ވަޒީރު އަފްރޯޒާ ޚާނަމާ ހޯމަ ދުވަހު ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން ބޭއްވީ ޑާކާގެ ބަންގްލަދޭޝް ސެކްރެޓޭރިއެޓްގައި ކަމަށް ބަންގްލަދޭޝް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރު އެމް. ރަޝީދުއްޒަމާން މިއްލަތު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކުރުމާ ބެހޭ ގޮތުން ދެ ފަރާތުން މަޝްވަރާކުރެއްވިއެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އިލްމާއި ހުނަރު ބަދަލުކުރުމާއި، ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗާ ތަރައްޤީކުރުމާއި، ގުޅިގެން މަޝްރޫޢުތައް ހިންގުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.
ދިވެހި ސަފީރު ވިދާޅުވީ ބަންގްލަދޭޝާ ގާތުން ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށާއި، މިހާރުގެ ސަރުކާރާ އެކު މަތީ ފެންވަރުގެ އެއްބާރުލުން ކުރިއަށް ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް