މުންދު ލަންކާގައި -
ދިވެހިން ސައުތު އިންޑިއާ އާއި މެލޭޝިއާ ފަދަ ޤައުމުތަކަށް ދިއުމުގެ ބަދަލުގައި ސްރީ ލަންކާގައި ތިބެވޭނެ ގޮތް ހެދުމަށް، ދިވެހިންނަށް ޚާއްޞަ ވީޒާ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން ސްރީ ލަންކާ ސަރުކާރުގައި އެދިއްޖެއެވެ.
ދިވެހި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އިއްޔެ ކޮލޮމްބޯގައި ހުންނަ ދިވެހި ހައި ކޮމިޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މި މައްސަލަ ކޮލޮމްބޯގައި ހުންނަވާ ދިވެހި ސަފީރު ސްރީ ލަންކާ ސަރުކާރާ ސީރިއަސްކޮށް ނަންގަވާފައިވާ ކަމަށެވެ. އަދި ދެ ޤައުމުގެ ރައީސުން ވެސް މި މައްސަލައާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، އަވަސް ހައްލެއް ހޯއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
މުންދު ވިދާޅުވީ 2019 ވަނަ އަހަރުގެ އީސްޓާ ސަންޑޭ ހަމަލާއަށް ފަހު ވީޒާ އާއި އިދާރީ އިޖުރާއާތުތައް ހަރުކަށިކުރުމުގެ ސަބަބުން، ދަރިވަރުން ހިމެނޭ ގޮތަށް ލަންކާއަށް ދާ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. މިހާރުގެ ވީޒާ ޕްރޮސެސްގައި ގިނަ ލިޔެކިޔުންތަކާއި ބޭންކް ޑިޕޮޒިޓް ބެހެއްޓުން ފަދަ ޝަރުތުތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސްރީ ލަންކާ އަކީ ގިނަ ދިވެހިންނަށް ދެވަނަ ވަޒަނެއް. އެތައް އަހަރެއްގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކޮލޮމްބޯގައި ކިޔަވާފައިވޭ،" މުންދު ވިދާޅުވިއެވެ.
ސްރީ ލަންކާ އަކީ ޒަމާނުއްސުރެ ދިވެހިން ތައުލީމާއި ބޭސްފަރުވާ އާއި ވިޔަފާރީގެ ބޭނުމަށް ދަތުރުކުރާ މައި މަންޒިލެކެވެ. މުންދު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ވެސް މި ގުޅުމުގެ މުހިންމުކަން ދެނެގަނެ، ދިވެހިންނަށް ޚާއްޞަ ވީޒާ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް