ސައޫދީ އެރޭބިއާ އިން ސްޕޮންސާކޮށްގެން މިއާމީގައި ބޭއްވި ފިއުޗާ އިންވެސްޓްމަންޓް އިނީޝިއެޓިވް (އެފްއައިއައި) ޕްރައޯރިޓީ ސަމިޓުގައި ޓްރަމްޕް ވާހަކަ ދައްކަނީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސައޫދީ އެރޭބިއާ
އިން ސްޕޮންސާކޮށްގެން މިއާމީގައި ބޭއްވި ފިއުޗާ އިންވެސްޓްމަންޓް އިނީޝިއެޓިވް
(އެފްއައިއައި) ޕްރައޯރިޓީ ސަމިޓުގައި ވާހަކަ ދައްކަމުން، އިންޑިއާ-ޕާކިސްތާނު
ހަމަނުޖެހުން ހުއްޓުވި ކަމަށް ދައުވާކޮށް، އަށް ހަނގުރާމައެއް ހުއްޓުވައިދިން
ކަމަށް ބުނެ، "ބޮޑު ސުލްހަވެރިޔާ"ގެ ލެގެސީ ބޭނުންވާ ކަމަށް ބުނެފިއެވެ.
”އަހަރެންގެ
ލެގެސީ ބޮޑު ސުލްހަވެރިޔެއްގެ ގޮތުގައި ލިޔެވެން ވަރަށް ބޭނުން. އެއީ ހަގީގަތުގައި
ވެސް އަހަންނަކީ ސުލްހަވެރިޔެއް ކަމަށް ގަބޫލުކުރެވޭތީ. މިހާރު އެހެން ހީނުވެދާނެ،
އެކަމަކު އަހަންނަކީ ސުލްހަވެރިޔެއް" ކަމަށް ޓްރަމްޕް ބުންޏެވެ.
އިންޑިއާ-ޕާކިސްތާނު ހަނގުރާމަ ހުއްޓުވި ގޮތާ ބެހޭ ގޮތުން
ޓްރަމްޕް ބުނީ "އިންޑިއާ އާއި ޕާކިސްތާނު ވެސް ހުއްޓުވީ އަހަރެން. އެ ދެ
ގައުމު އެއް ހަފުތާ ވަންދެން ހަނގުރާމަ ކުރި. ނުވަ ބޯޓު ވެއްޓުނު. އެ ދެ ގައުމު
ހަނގުރާމައެއްގެ ތެރޭގައި ތިބީ. ހުއްޓުވީ ކިހިނެއް؟ ބުނީ ހަނގުރާމަ ކުރާ ނަމަ ދެ
ގައުމަށް ވެސް 250 ޕަސެންޓް ޓެރިފް ޖަހާނަމޭ" ކަމަށެވެ. "ނޫން ނޫން
ނޫން، ތިހެން ނެހެދޭނެއޭ ބުނީމަ ބުނިން، ކުރާނަމޭ. ދެން ބުނީ އެންމެ ރަނގަޅޭ، ދެން ހަނގުރާމަ ނު ކުރާނަމޭ. އެގޮތަށް ހުއްޓުވީ" ކަމަށް ޓްރަމްޕް ބުންޏެވެ.
އީރާނާ ދެކޮޅަށް ހިންގާ އެމެރިކާގެ އަސްކަރީ އޮޕަރޭޝަން
"އެޕިކް ފިއުރީ"ގެ ދަށުން އީރާނުގެ ބާރު ކުޑަވެފައިވާ ކަމަށް ޓްރަމްޕް
ބުންޏެވެ. "47 އަހަރު ވަންދެން އީރާނު ދެނެގަނެވެނީ މެދުއިރުމަތީގެ ބުލީގެ
ގޮތުގައި. އެކަމަކު ދެން އެއީ ބުލީއެއް ނޫން. އެ މީހުން ފިލަނީ" ކަމަށް
ބުންޏެވެ. އީރާނަށް ދޭ ހަމަލާތައް "ހަނގުރާމަ"ގެ ގޮތުގައި ސިފަކުރަން
ޓްރަމްޕް ދެކޮޅު ހެދި އެވެ. އޭގެ ބަދަލުގައި ބޭނުންކުރީ "އަސްކަރީ
އޮޕަރޭޝަން" މި ލަފުޒެވެ.
ހޮރްމޫޒް ކަނޑުއޮޅި "ސްޓްރެއިޓް އޮފް
ޓްރަމްޕް"ގެ ގޮތުގައި ސަމާސާ ރާގެއްގައި ސިފަކުރުމަށް ފަހު، ފަހުން ބުނީ އެ
ބަސް ގަސްތުގައި ބުނި ބަހެއް ކަމަށެވެ. ހޮރްމޫޒް ކަނޑުއޮޅި ހުޅުވައި ތެޔޮ
ޝިޕްމަންޓްތަކަށް ކަނޑުމަގު ފަހިކޮށްދިނުމަކީ އީރާނާ އެކު އެއްބަސްވުމެއް ހެދުމުގެ
ޝަރުތެއް ކަމަށް ޓްރަމްޕް ބުންޏެވެ. "މިހާރު މަޝްވަރާ ކުރެވެމުން ދަނީ.
ކަމެއް ކުރެވިއްޖެއްޔާ ރަނގަޅުވާނެ. އެކަމަކު އެ މީހުން ޖެހޭ ހުޅުވަން"
ކަމަށް ބުންޏެވެ.
ނޭޓޯ އާ މެދު ވެސް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުކިޔެވެ.
"ނޭޓޯ އަކީ ކަރުދާސް މިނިކާވަގެއް. އަބަދުވެސް ބުނަން އެމެރިކާ ނޭޓޯ އަށް
އެހީވެޔޭ، އެކަމަކު އެ މީހުން ދުވަހަކު ވެސް އެމެރިކާ އަށް އެހީއެއް ނުވެޔޭ. ބޮޑު
ކަމެއް ދިމާވެއްޖެއްޔާ — ނުވާނެ ކަމަށް ގަބޫލުކުރެވޭ — އެކަމަކު ވެއްޖެއްޔާ
ގެރެންޓީ ދެން އެ މީހުން ނާންނާނެ" ޓްރަމްޕް ބުންޏެވެ.
އެމެރިކާ އިން އީރާނަށް ހަމަލާ ނުދިން ނަމަ "ދެ
ހަފުތާ އާއި ހަތަރު ހަފުތާ ތެރޭ" އީރާނުން ނިއުކްލިއާ ހަތިޔާރެއް
ތައްޔާރުކުރީސް ކަމަށް ޓްރަމްޕް ބުންޏެވެ. ސައޫދީ ބައިވެރިންނާ މުޚާތަބުކޮށް ބުނީ
"އެ މީހުން އެ ހަތިޔާރު ބޭނުންކުރާނީ ތިޔަ ބައި މީހުންނާ ދެކޮޅަށް،
އިސްރާއީލާ ދެކޮޅަށް، އަދި އެހެން ހުރިހާ ބައެއްގެ ވެސް ދެކޮޅަށް" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް