ަހަމަލަތަކުން ހަމަލައެއް ދުރުން ފެންނަ މަންޒަރެއް - ފޮޓޯ: އަލް ޖަޒީރާ
އިސްރާއީލާއި އެމެރިކާ ގުޅިގެން މިއަދު ހެނދުނު އީރާނަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީ، ޓެހެރާންގެ އެކި ހިސާބުތަކުގައި ބާރުގަދަ ގޮވުންތައް ގޮވައިފިއެވެ. އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކެޒް ބުނީ މިއީ "އިސްރާއީލަށް ހުރި ނުރައްކާތައް ނައްތާލުމަށް" ދިން ހަމަލާއެއް ކަމަށެވެ.
ޓެހެރާންގެ ޔުނިވާސިޓީ ސްޓްރީޓާއި ޖޮމްހޫރީ ސަރަހައްދާއި ސައްޔިދު ޚަންދާން ސަރަހައްދަށް މިސައިލް ހަމަލާތައް އަރާފައިވާ ކަމަށް އީރާނުގެ ފާރިސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ. އެ ގޮވުންތަކުގެ ތެރެއިން އެއް ހަމަލާ އެރީ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ އޮފީސް ކައިރިއަށެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޚާމަނާއީ ވަނީ ރައްކާތެރި ތަނަކަށް ބަދަލުކޮށްފައެވެ. ޓެހެރާނުގެ އިތުރުން އިސްފަހާން، ގޮމް، ކަރަޖް، ކެރެމަންޝާ އަދި ހުޅަނގުގެ އިލާމް ޕްރޮވިންސަށް ވެސް ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސޯޝަލް މީޑިއާ މެދުވެރިކޮށް ނެރުނު ވީޑިއޯ ބަޔާނެއްގައި ބުނީ އީރާނުގައި "ބޮޑު އަސްކަރީ އޮޕަރޭޝަނެއް" ފަށާފައިވާ ކަމަށެވެ. ޓްރަމްޕް ބުނީ މި އޮޕަރޭޝަންގެ ބޭނުމަކީ "އީރާނުގެ ނިޒާމުން ކުރިމަތިވާ ނުރައްކާތައް ނައްތާލައި، އެމެރިކާގެ ރައްޔިތުން ދިފާއުކުރުން" ކަމަށެވެ. ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ ބެލިސްޓިކް މިސައިލްތަކާއި މިސައިލް ލޯންޗަރުތަކަށެވެ.
މި ހަމަލާއާ ގުޅިގެން އިސްރާއީލުގައި 48 ގަޑިއިރުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މުޅި ގައުމުގައި ސައިރަން އަޅާފައިވެއެވެ. ވައިގެ ސަރަހައްދު ބަންދުކޮށް، ޢާންމުން ބިންގަރާސްތައް ކައިރީގައި ތިބުމަށް އިސްރާއީލުގެ ސިފައިން ވަނީ އިލްތިމާސްކޮށްފައެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އީރާނުން ދަނީ "ބާރުގަދަ" ރައްދު ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންނެވެ.
މި ހަމަލާ އައީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ޖެނީވާގައި ބޭއްވި އެމެރިކާ-އީރާން ތިންވަނަ ބުރުގެ މަޝްވަރާތައް ނާކާމިޔާބުވެފައި ވަނިކޮށެވެ. 2025 ވަނަ އަހަރުގެ ޖޫން މަހު އިސްރާއީލާއި އީރާނާ ދެމެދު 12 ދުވަހުގެ ހަނގުރާމައެއް ހިނގާފައިވާއިރު، އެ ހަނގުރާމައިގައި އީރާނުގެ ނިއުކްލިއާ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ޖެނުއަރީ މަހު އީރާނުގައި ފެށި ވަރުގަދަ މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު މަރުވެ ހައްޔަރުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް