ޖަލުގައި ބޮޑީ ސްކޭނަރެއް ބެހެއްަޓުން /ފޮޓޯ: ކަރެކްޝަނަލް ސަރވިސް
ޖަލަށް ވަންނަ މީހުން ސްކޭންކުރުމަށްޓަކައި މާފުށީ
ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭނަރެއް ބަހައްޓައި، އެ މެޝިންގެ ޚިދުމަތް
ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މާފުށީ ޖަލުގައި ބެހެއްޓި މި ފުރަތަމަ ބޮޑީ
ސްކޭނަރ މެޝިންގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ
ބެހޭ ވަޒީރު ޢަލީ އިޙުސާނެވެ.
މިއީ ސަރުކާރުން، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ
ވުޒާރާ މެދުވެރިކޮށް ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ފޯރުކޮށްދިން
ފަހުގެ ޓެކްނޮލޮޖީގެ މެޝިނެކެވެ.
"ސޮޓަރ އާރް.އެސް ބޮޑީ ސްކޭނާރ" މޮޑެލްގެ
މި މެޝިނަކީ އިންސާނާގެ ހަށިގަނޑުގެ ތެރޭގައި ނުވަތަ ހަށިގަނޑުގައި ރައްކާކޮށްގެން
އެއްޗެހި އެތެރެކުރަން އުޅޭ ޙާލަތްތަކުގައި އެކަން ދެނެގަތުމުގެ ޤާބިލުކަން
ލިބިފައިވާ މެޝިނެކެވެ. މިގޮތުން މަސްތުވާތަކެއްޗާއި، އެކިކަހަލަ އާލާތްތަކުގެ
އިތުރުން މޯބައިލް ފޯނު ފަދަ ތަކެތިވެސް މި ސްކޭނަރުން ދެނެގަނެވޭނެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދެއްވި
ގޮތުގައި، މި މެޝިން ބޭނުންކޮށްގެން މާފުށީ ޖަލަށް ވަންނަ ގައިދީންނާއި،
މުވައްޒަފުންގެ އިތުރުން އެކި ބޭނުންތަކުގައި ޖަލަށް ޒިޔާރަތްކުރާ އެންމެހާ
ފަރާތްތައް ސްކޭން ކުރަމުންދާނެއެވެ. މިއީ 1998 ވަނަ އަހަރުން ފެށިގެން ހިންގަމުން
އަންނަ މާފުށީ ޖަލުގައި މިފަދަ ޒަމާނީ ސްކޭނަރެއް ބެހެއްޓުނު ފުރަތަމަ ފަހަރެވެ.
ޖަލުގެ ތެރެއިން ގިނަ ޢަދަދެއްގެ ސްކޭމް ކޯލްތައް
ކުރަމުންދާ މައްސަލައަކީ ފުލުހުން މީގެކުރިންވެސް ފާހަގަކޮށްފައިވާ ބޮޑު
ކަންބޮޑުވުމެކެވެ. ޖަލަށް ވަންނައިރު އެކަށީގެންވާ ގޮތެއްގައި ސްކޭން ނުކުރެވޭ
މައްސަލައިގައި ވަޒީރު ޢަލީ އިޙުސާން މީގެކުރިން ރައްޔިތުންގެ މަޖިލީހުގައިވެސް
ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އޭރު ވަޒީރު ވިދާޅުވެފައިވަނީ ފުލް ބޮޑީ
ސްކޭން މެޝިނެއް ބެހެއްޓުމުން މި މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ
ކަމަށެވެ.
ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ އިތުރުން،
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ސަވައިލެންސްގެ
މަސައްކަތްތައްވެސް އަންނަނީ ހަރުދަނާކުރަމުންނެވެ. އެގޮތުން ކަނޑުމަގުން
އެތެރެކުރާ މުދާ ސްކޭންކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް
ގެނެސް އޮޕަރޭޝަނަށް ގެނައުމަށް ހަމަޖެހިފައިވާކަމަށްވެސް ދާޚިލީ ވަޒީރު ވަނީ
ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް