ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު
އެފޯޑަބަލް ހައުސިން މަޝްރޫޢުގެ އެންމެ ބޮޑު ބޭނުމަކީ
އަލަށް ގެއެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ގެއެއް ގަނެވޭނެ
މަގު ފަހިކޮށްދީ އާއިލީ ބޯހިޔާވަހިކަމަށް އިސްކަން ދިނުން ކަމަށް އިމާރާތްކުރުމާއި
ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ހުޅުމާލެ ތިންވަނަ ފިޔަވަހީގައި
1,000 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން ސޯޝަލް
މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ފަސް
ބިމެއްގައި ޖުމްލަ 1,000 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ
ތެރޭގައި ކޮންމެ ބިމެއްގައި 200 ޔުނިޓް ހިމެނޭއިރު، އިމާރާތްކުރާ ތަންތަނުގެ 70
އިންސައްތައަކީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަސައްކަތް އެއްކޮށް
ނިންމުމަށް ކަނޑައަޅާފައިވަނީ 30 މަސްދުވަހުގެ މުއްދަތެކެވެ.
ވަޒީރު ޑރ. މުއްޠަލިބު ފާހަގަކުރެއްވި ގޮތުގައި މީގެ
ކުރިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަސައްކަތްތައް ބިނާވެފައި އޮތީ މައިގަނޑު ދެ
މޮޑެލްއެއްގެ މައްޗަށެވެ. އެއީ ލޯނު ނަގައިގެން ސޯޝަލް ހައުސިންގ
އިމާރާތްކުރުމާއި، އެޗްޑީސީ މެދުވެރިކޮށް ރިއަލް އެސްޓޭޓް އުސޫލުން ހިންގާ
މަޝްރޫޢުތަކެވެ. ނަމަވެސް، މީގެ ކުރިން ހިންގި ރިއަލް އެސްޓޭޓް މަޝްރޫޢުތަކުގައި
އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ނުވަތަ 'ފަސްޓް-ޓައިމް ހޯމްބަޔާސް' އަށް
އެކަށީގެންވާ އިސްކަމެއް ދެވިފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ކޮންޓްރޯލް
އަގުގައި ވިއްކި އެޕާޓްމަންޓްތަކުގެ ބޮޑު ބައެއް ގަނެފައިވަނީ، އަލަށް ގެދޮރު
ބޭނުންވާ އާއިލާތަކުގެ ބަދަލުގައި، އިންވެސްޓްމަންޓެއްގެ ގޮތުން ނުވަތަ ކުއްޔަށް
ދީގެން އާމްދަނީ ހޯދުމުގެ ބޭނުމުގައި މުދާ ގަންނަ ފަރާތްތަކުން". ވަޒީރު
ވިދާޅުވިއެވެ. މި ސަބަބަށްޓަކައި ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެނަށް'
ސިޔާސަތުގެ ދަށުން މިހާރު އިސްކަންދެނީ ހަގީގީ ބޭނުންޖެހިފައިވާ އާއިލާތަކަށް
ފުރުސަތު ފަހިކޮށްދިނުމަށެވެ.
މި މަޝްރޫޢަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް މޮޑެލްގެ
ދަށުން ކުރިއަށްގެންދާ 'އެފޯޑަބަލް ހޯމް އޯނަރޝިޕް' ޕްރޮގްރާމެކެވެ. މީގެ
މައިގަނޑު މަޤްޞަދަކީ ބިމުގެ އަގު އުފުލި، ކުލީގެ އަގުތައް ބޮޑުވެފައިވާ
ދުވަސްވަރެއްގައި، އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ރައްކާތެރި އަދި އަތްފޯރާ
ފަށުގައި ގެދޮރުގެ މިލްކުވެރިކަން ހޯދައިދިނުމެވެ.
މި ޕްރޮގްރާމްގެ ސަބަބުން ގެދޮރުގެ އަގުތައް ކަނޑައެޅުން
ހަމައެކަނި މާކެޓްގެ ބާރުތަކަށް ދޫކޮށްނުލައި، ސަރުކާރުގެ ބެލުމުގެ ދަށުން ހެޔޮ
އަގުތަކެއްގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް ވަޒީރު
ވިދާޅުވިއެވެ.
ބާޒާރުގައި ބިމުގެ އަގުތައް މައްޗަށް ދިޔަ ކަމުގައިވިޔަސް،
މި މަޝްރޫޢުގެ ދަށުން ދޫކުރާ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގުތަކެއް ވަނީ
ކަނޑައަޅާފައެވެ. ވަޒީރު ހާމަކުރެއްވި ގޮތުގައި، ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ
އަގު 1.8 މިލިއަން ރުފިޔާއަށްވުރެ ބޮޑު ނުވާނެއެވެ. އަދި ތިން ކޮޓަރީގެ
އެޕާޓްމަންޓެއްގެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާއެވެ. މީގެއިތުރުން، މި
މަޝްރޫޢުގައި އެންމެ ގިނައިން ހިމެނޭނީ ތިން ކޮޓަރީގެ ޔުނިޓްތައް ކަމަށްވެސް
އެމަނިކުފާނު ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދާއިރާއަށް
އައިސްފައިވާ ހަރުދަނާ ބަދަލެއްގެ ރަމްޒެއް ކަމަށް ވަޒީރު ސިފަކުރެއްވިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަސައްކަތް ހަވާލުކުރުމުގައި ހަމައެކަނި
ދިވެހި ކުންފުނިތަކަށް ފުރުޞަތު ދިނީ، ޤައުމީ ތަރައްޤީގެ މަސައްކަތްތަކުގައި
ދިވެހިންގެ ދައުރު ފުޅާކޮށް، އެފަރާތްތަކަށް ކުރިއެރުމުގެ މަގު
ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.
އަބްދުﷲ މުއްޠަލިބު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ
ސިޔާސަތަކީ ހަމައެކަނި ފްލެޓް އެޅުމެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ އާއިލާތަކަށް
އުފާވެރި ދިރިއުޅުމެއް ހޯދައިދީ، ކުލީގެ ތާށިކަމުން ސަލާމަތްކޮށް، އިޖުތިމާޢީ އަދި
އިޤްތިޞާދީ ގޮތުން ޤައުމު ވަރުގަދަކުރުމެވެ. އަދި މިއީ ހުރިހާ ފަންތިއެއްގެ
ރައްޔިތުންނަށްވެސް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެޅުނު
މުހިންމު ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް