N/A
މޫޑީޒް ރޭޓިންގސްގައި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ދަމަހައްޓައި ކުރިން އޮތް
"ނެގަޓިވް" އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް މޫޑީޒް އިން
"ސްޓޭބަލް" އަށް ބަދަލުކުރިކުރުމަކީ ފާއިތުވި އަހަރުގެ ތެރޭގައި
ރާއްޖެއިން ގެންގުޅެފައިވާ ހަރުދަނާ މާލީ ސިޔާސަތުތަކާއި، އަޅާފައިވާ
ފިޔަވަޅުތަކާއި އަދި މިހާރުވެސް ތަންފީޒުކުރަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ
ރަނގަޅުކަމުގެ ހެއްކެކެވެ. އަދި ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަން
އިތުރުކުރުމަށް ރޭވުންތެރިކަމާއެކު ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާ ފެންނަ ކަމެކެވެ.
ފާއިތުވި އަހަރުތަކުގައި އާމްދަނީއާ ނުބައްދަލު މިންވަރަށް ސަރުކާރުގެ
ޚަރަދުތައް ބައްޓަން ކޮށްފައިވާތީ، ޚަރަދުތައް ފައިނޭންސްކުރުމަށް ބޮޑު އަގުގައި
ދަރަނި ނަގާފައިވާ މިންވަރު ހުރީ އިތުރުވެފައެވެ. މިކަމުގެ ސަބަބުން، ސަރުކާރުގެ
ފިސްކަލް ހާލަތު ދަށްވެ، ރާއްޖޭގެ މާލިއްޔާ އޮތީ ދަރަނި އަދާނުކުރެވޭ
މިސްރާބެއްގައި ކަމަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން އައީ
ފާހަގަކުރަމުންނެވެ. މިގޮތަށް ބޭރުފައިސާއިން ނަގާފައިހުރި ދަރަނިތައް
އަދާކުރުމަށް ބޮޑެތި އަދަދުތަކުން ހޭދަކުރަންޖެހިފައި އޮތް އޮތުމުގެ ނަތީޖާއަކަށް
ވެގެން ދިޔައީ، ދައުލަތުގެ ރަސްމީ ރިޒަރވް ފަހުގެ ތާރީހެއްގައި ހީނަރު ނުވާ
މިންވަރަށް ހީނަރުވެގެން ދިއުމެވެ. މިހާލަތުން އަރައިގަނެ، ދެމެހެއްޓެނިވި
ގޮތެއްގެ މަތިން މާލީ ކަންކަން ތަރުތީބުކުރުމަށް 2024 ވަނަ އަހަރުން ފެށިގެން
ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރަން ފަށާފައެވެ.
ރާއްޖޭގެ އިގުތިސާދުގެ ވިލުންތެރިކަމަށް އަލިއަޅުވާލައި މޫޑީޒްއިން ނެރުނު
ބަޔާނުގައި، ރޭޓިންގ އަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ
ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ
މެކްރޮފިސްކަލް ހާލަތު ރަނގަޅުވުމެވެ. އެގޮތުން، ބޭރު ފައިސާގެ އާމްދަނީ
އިތުރުކުރުމަށް އެއަރޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް
މުރާޖައާކޮށް، ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން
ރަސްމީ ރިޒަރވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފައެވެ. މީގެ
އިތުރުން، މިދިޔަ އަހަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ ކޭޝް
ބެލެންސް 15 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު، މި ސިޔާސަތުތަކާއެކު 9
ނޮވެންބަރު 2025 ގެ ނިޔަލަށް މި އަދަދު 126 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ
އިތުރުވެފައިކަމަށް މޫޑީޒްއިން ފާހަގަކޮށްފައިވެއެވެ. އަދި މޫޑީޒްގެ
ނޫސްބަޔާނުގައި ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި، ޚަރަދުތައް ކޮންޓްރޯލްކޮށް
މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައްވެސް ވަނީ
ފާހަގަކޮށްފައެވެ.
މާލީ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކުވެސް، ރާއްޖޭގެ
އިގުތިސާދީ ދުވެއްޔަށް ނޭދެވޭ އަސަރެއް ކުރުމެއްނެތި ބާރުމިނުގައި އިގުތިސާދު
ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން ރާއްޖޭގެ އިގުތިސާދުގައި އެންމެ
ބޮޑު ހިއްސާއެއް އަދާކުރާ ދާއިރާ ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް
ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު
ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލައި 10 އިންސައްތައިން ވަނީ އިތުރުވެފައެވެ.
ހަމަ އެހެންމެ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަތުރުވެރިން ރާއްޖޭގައި
ހޭދަކުރާ ރޭގެ އަދަދު، ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 7.2
އިންސައްތައިން ވަނީ ކުރިއަރާފައެވެ.
2026 އިން 2028 ވަނަ އަހަރަށް
ފާސްކޮށްފައިވާ މެދުރާސްތާގެ ބަޖެޓުގައި ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރެއް
ނުކުރާނެ ފަދަ މިންވަރަކަށް ސަރުކާރުގެ ޑެފިސިޓް ކުޑަކުރަމުން ގެންދިއުމަށް ވަނީ
ނިންމާފައެވެ. އަދި ޖީޑީޕީގެ ނިސްބަތުން ޖުމުލަ ދަރަނި ދަށްކޮށް، ރާއްޖޭގެ ދަރަނީގެ ދެމެހެއްޓެނިވިކަން
އިތުރުކުރުމުގެ ގޮތުން، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ގާއިމުކުރި މަގުސަދާ
އެއްގޮތަށް، އެ ފަންޑަށް ޖަމާކުރަމުންދާ ބޭރު ފައިސާއިން، ކޮންމެ އަހަރަކުވެސް
އަދާކުރަންވާ ބޭރުގެ ދަރަނި އަނބުރާ ދެއްކުމަށް ވަނީ ރާވާފައެވެ. ދަރަނީގެ މިންވަރު
މަތިވެފައިވުމުގެ ސަބަބުން މޫޑީޒް އިން ދީފައިވާ Caa2 ގެ
ރޭޓިންގ ދަމަހައްޓާފައިވީ ނަމަވެސް، 2026 ވަނަ އަހަރު މެޗުއަރވާ 500 މިލިއަން
އެމެރިކާ ޑޮލަރުގެ ސުކޫކު އަދި އެހެނިހެން ދަރަނި އަދާކޮށް، މެދުރާސްތާގައި
ދަރަނީގެ މިންވަރު ދަށްކުރެވޭނެ މިސްރާބަކަށް ގެނައުމަށްވެސް ވަނީ ރާވާފައެވެ.
ރާއްޖެއަށް ބޭރުގެ ފަރާތްތަކުން ފައިނޭންސިންގ ހޯދޭ މިންވަރު
ދަށްވެފައިވާކަމަށް މީގެ ކުރިން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުންނާއި ރޭޓިންގ
އެޖެންސީތަކުން ފާހަގަކުރަމުން ދިޔަ ނަމަވެސް، ދޭދޭ ޤައުމުތައް މެދުވެރިކޮށް
ބޭރުގެ ފައިނޭންސިންގ ހޯދާފައިވާކަމާއި، ބައިލެޓަރަލް ފަރާތްތަކުން ފައިނޭންސިންގ
ހޯދުމުގެ ޤާބިލުކަން ދައްކައިދީފައިވާކަމަށް މޫޑީޒްގެ މި ނޫސްބަޔާނުގައި
ފާހަގަކޮށްފައިވެއެވެ. މިއީ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކޮށް، ދޭދޭ
ޤައުމުތަކާއި ބޭރުގެ ފަރާތްތަކުގެ އިތުބާރު ހޯދާފައިވާކަމުގެ ހެއްކެކެވެ.
ސަރުކާރުގެ އާމްދަނީ އާއި ޚަރަދުގެ ސިޔާސަތުތައް ބައްޓަންކޮށް،
ތަންފީޒުކުރަމުން ގެންދާނީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން
އިއާދަކުރުމާއެކު މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ހާސިލުވާ ގޮތުގެ މަތިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް