ފުވައްމުލައް ސިޓީގައި ޤުރުއާނާއި ބެހޭ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
ފުވައްމުލައް ސިޓީގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ރަސްމީކޮށް ހުޅުވައިފި އެވެ.
މި މަރުކަޒު ރަސްމީކޮށް ހުޅުވައި ދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް ޢަބްދުﷲ ސަޢުދާން އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޟިރާރުއެވެ.
މި މަރުކަޒު ހުޅުވުމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި މަރުކަޒު ހުޅުވުމަށްފަހު ޤުރުއާން ޙިފްޡުކުރުމުގެ ޕްރޮގުރާމުތައް އިތުރުކޮށް މުދައްރިސުންގެ އަދަދުވެސް އިތުރުކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ފުވައްމުލައް ސިޓީގެ އިސްލާމީ މަރުކަޒު ޑިޒައިންކޮށް ނިމިފައިވާ ކަމަށާއި ކައުންސިލްގެ ބަހެއް ހޯދުމަށް ކޮންސެޕްޓު ފުވައްމުލައް ސިޓީ ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ. އިސްލާމީ މަރުކަޒު ނިމުމުން އެތަން ބަދަލުވާނީ ޤުރުއާނާ ބެހޭ މަރުކަޒަށް ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ މިހާރު ހުޅުވާ ޤުރުއާނާ ބެހޭ މަރުކަޒު ފަހުން ބަދަލުވާނީ ވަޤުފު ބިނާއަކަށް ކަމަށާއި އެތަނުން ލިބޭ ފައިސާ ޚަރަދުކުރާނީ ފުވައްމުލައް ސިޓީގެ ދީނީ އެކި ކަންކަމަށް ކަމަށެވެ.
ފުވައްމުލަކު ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި ނަމާދު ކޮޓަރިއަކާއި ޙިފްޒު ޓެސްޓު ރޫމާއި އޮޑިޓޯރިއަމެއް ހިމެނެއެވެ. އަދި ލައިބްރަރީއަކާއި އޮފީސް ބަޔަކާއި މީޓިންގ ރޫމެއް ވެސް މި މަރުކަޒުގައި ޤާއިމުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް