N/A
ސްރީ ލަންކާގެ ދަރުމަޕުރަމް ސަރަޙައްދުގައި ދެ އަހަރުގެ އަންހެން ކުއްޖެއް 40,000 ރުޕީސް އަށް ވިއްކާލި ކަމުގެ ތުހުމަތުގައި ކުއްޖާގެ މަންމައާއި އޭނާގެ ބައިވެރިޔާ އަދި ކުއްޖާ ގަތް ކަމަށް ބެލެވޭ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ތިން މީހުން ހައްޔަރުކުރީ ދަރުމަޕުރަމް ގްރާމާ ނިލަދާރީ (އަވައް ވެރިޔާ) ފުލުހުންނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. އެ ޝަކުވާގައި ބުނެފައިވަނީ ކޮޅަމްބޯ ސަރަޙައްދުގެ އަންހެނަކަށް ކުޑަކުއްޖާ ވިއްކާލާފައިވާ ކަމަށެވެ.
ތަޙުޤީޤުގައި ސުވާލުކުރުމުން، ތުހުމަތުކުރެވޭ ފަރާތްތަކުން ބުނެފައިވަނީ ކުއްޖާ ވިއްކީ ހަތަރު އަހަރުގެ ދައްތައަށް ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދުމަށް ފައިސާ ބޭނުންވެގެން ކަމަށެވެ. ނަމަވެސް ފުލުހުން ބުނެފައިވާ ގޮތުގައި، ލިބުނު ފައިސާއިން 15,000 ރުޕީސް ދީ މަންމަ ވަނީ މޯބައިލް ފޯނެއް ގަނެފައެވެ. އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ތުހުމަތުކުރެވޭ ފަރާތްތަކަށް އެކަށީގެންވާ ޖަވާބެއް ދެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ހިމެނެނީ ދަރުމަޕުރަމް ސަރަޙައްދަށް ނިސްބަތްވާ 27 އަހަރުގެ މަންމައާއި 31 އަހަރުގެ ފިރިހެން ބައިވެރިޔާ، އަދި ކަތުނާޔަކެ އަވަރިޔަވައްތައަށް ނިސްބަތްވާ 37 އަހަރުގެ އަންހެނެކެވެ. ތިން މީހުން ވެސް ކިލިނޮއްޗީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް، އެޕްރީލް 29 ވަނަ ދުވަހާ ހަމައަށް ބަންދުކޮށްފައިވާ ކަމަށް ނިއުސްވަޔާ ރިޕޯޓުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް