އަންތަރު މުއްލާގެ ބަންދަށް އިތުރު 16 ދުވަސް

މާލޭގައި ބިދޭސީއެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް އިތުރު 16 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި...

27 Apr 2026 | 04:41
N/A

N/A

މާލޭގައި ބިދޭސީއެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް އިތުރު 16 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ އަންތަރު މުއްލާއެވެ. ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެވެ. މި ހާދިސާގައި އަނިޔާ ލިބުނު ފަރާތުގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ބަންދު އަމުރުގައިވާ ގޮތުން، ތުހުމަތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ހުށަހަޅާފައިވެއެވެ. އެގޮތުން ސީސީޓީވީ ކެމެރާގެ ސްނެޕްޝޮޓްތަކާއި، އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާގެ ފޮޓޯއާއި އިތުރު ލިޔެކިޔުންތައް ހުށަހެޅިފައިވެއެވެ. އޭނާ ބަންދުން ދޫކޮށްލައިފި ނަމަ، އަނިޔާ ލިބުނު ފަރާތަށް އިތުރު ގެއްލުމެއް ލިބުމުގެ ފުރުޞަތު އޮތުމާއި މުޖުތަމަޢުގެ އެހެން މީހުންނަށް ވެސް ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭތީ، ޤާނޫނު ނަންބަރު 2025/07 (ގޭންގް ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ 58 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން 16 ދުވަހަށް ބަންދުކުރީ ކަމަށް ޤާޟީ ޢާއިޝަތު ނުޒުހާ ނެރުއްވި އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މި ހިނގާ އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު 01:08 ހާއިރު މާލެ ކަރަންކާ މަގުގައެވެ. އެ ހަމަލާގައި ޒަޚަމުވީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ 38 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ކަރަށް ބޮޑެތި ޒަޚަމުތަކެއް ލިބި، އޭޑީކޭ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ. އަންތަރު މުއްލާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެޕްރީލް 18 ވަނަ ދުވަހުގެ ރޭ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް