N/A
އީރާނުގެ މީނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ ގާލްސް ސްކޫލަށް ދިން ހަމަލާގައި 168 ކުއްޖަކު މަރުވި މައްސަލައިގައި މިއަދު ޖެނީވާގައި ބޭއްވި އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ކުއްލި ބަހުސްގައި ދިވެހިރާއްޖެއިން އެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ 49 ވަނަ ބައްދަލުވުމުގައި ކުރިއަށް ގެންދިޔަ މި ކުއްލި ބަހުސްގައި ރާއްޖޭގެ ފަރާތުން ތަޤުރީރުކުރެއްވީ ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. ދިވެހި ސަރުކާރުން ދެކޭ ގޮތުގައި މި ހަމަލާއަކީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޤާނޫނުތަކާއި އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެއް ކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ.
ޑރ. ސަލްމާގެ ތަޤުރީރުގައި، އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ އަސްކަރީ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ގަލްފުގެ ޤައުމުތަކާއި ޖޯޑަން، ފަލަސްޠީނު އަދި ލެބަނަން މި ނުރައްކާތެރި ޙާލަތަށް ވައްޓާލުމުގެ ފަހަތުގައި އޮތީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވަމުންދާ އިސްރާއީލު ކަމަށް ފާހަގަކުރެއްވިއެވެ. އަދި އެ ފަދަ ޢަމަލުތަކަށް ފިޔަވަޅު ނޭޅި ދިއުމުގެ ސަގާފަތް މިހާރުން މިހާރަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށް ވެސް ރާއްޖެއިން ބާރުއެޅިއެވެ.
މީގެ އިތުރުން، ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތްކުރުމަށާއި، ޢާންމު ރައްޔިތުން ޙިމާޔަތްކޮށް، ޒިންމާދާރުކުރުވުމުގެ މަސައްކަތް ވަރުގަދަކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ރާއްޖެއިން ގޮވާލިއެވެ.
މިއީ މި ހަފުތާގައި އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގައި ބޭއްވި ދެ ވަނަ ކުއްލި ބަހުސެވެ. ފުރަތަމަ ކުއްލި ބަހުސް 25 މާރިޗުގައި ބާއްވާފައި ވަނީ، 28 ފެބުރުވަރީ 2026 ގައި ސައުދީ ޢަރަބިއްޔާ، ޤަޠަރު، ޔޫއޭއީ، ކުވެއިތު، އޮމާން، ބަޙްރެއިން އަދި ޖޯޑަންއާ ދެކޮޅަށް ދެމުންދާ ހަމަލާތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށެވެ. ދެ ބަހުސްގައި ވެސް ރާއްޖެއިން ބައިވެރިވެ ތަޤުރީރުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް