މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
މީސްމީޑިއާގެ އެކި މަންސަތަކުގައި މީހުންގެ ޒާތީ ފޮޓޯއާއި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރުދެއްކުމުގެ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިފަދަ މައްސަލަތަކުގެ ތެރޭގައި ޒާތީ މައުލޫމާތު އާންމުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން ފައިސާ ހޯދުމާއި، ރުހުމަކާ ނުލައި އެފަދަ ތަކެތި ފެތުރުމާއި ވިއްކުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ އަސްލެއް ނެތް ތަސްވީރުތަކާއި ވީޑިއޯތައް ބޭނުންކޮށް މީހުންގެ އަބުރަށް ހުތުރުވާ ފަދަ ތަކެތި އުފެއްދުމުގެ މައްސަލަތައް ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ތަޙުޤީޤުތަކުން ފާހަގަކުރެވިފައިވާ ގޮތުގައި މިފަދަ ގިނަ މައްސަލަތަކަކީ ދެ މީހެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުމެއްގެ ތެރެއިން އިތުބާރާ އެކު ހިއްސާކޮށްފައިވާ ތަކެތި، އެ ގުޅުން ކެނޑުމުން ބޭނުންކޮށްގެން ހިންގާ ކަންކަން ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އަނެކާގެ އަބުރު ނަގައިލުމަށާއި ބިރުދެއްކުމަށާއި މާލީ ނުވަތަ ޒާތީ މަންފާއެއް ހޯދުމަށް މިފަދަ ތަކެތި ބޭނުންކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވުމުން ރައްކާތެރިވުމަށް ޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ޒާތީ ފޮޓޯއާއި ވީޑިއޯ އުފެއްދުމާއި ރައްކާކުރުމާއި އެހެން މީހުންނާ ހިއްސާކުރުމުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ތަކެތި ފެތުރުމުގައި ބައިވެރިވުމަކީ ވެސް ކުށަކަށް ވެދާނެ ކަމެއް ކަމަށާއި، ބިރުދެއްކުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް ފުލުހުން އެދެއެވެ.
ޒާތީ މައުލޫމާތާއި މަންޒަރުތައް ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް