18 އަހަރު ނުފުރޭ ކުޑަކުދީންނަށް އެޕް ސްޓޯރުން 18+ އެޕް ޑައުންލޯޑް ނުކުރެވޭ ގޮތް އެޕަލް އިން ހަދައިފި

18 އަހަރު ނުފުރޭ ކުޑަކުދީންނަށް 18+ ރޭޓިންގެ އެޕްލިކޭޝަންތައް ޑައުންލޯޑް ނުކުރެވޭ ގޮތަށް، އެޕަލް އިން އެ ކުންފުނީގެ އެޕް ސްޓޯރުގައި އުމުރު ކަށަވަރުކުރާ އާ ނިޒާމެއް ތައާރަފުކޮށްފިއެވެ. ސިންގަޕޫރާއި އޮސ...

26 Feb 2026 | 19:08
N/A

N/A

18 އަހަރު ނުފުރޭ ކުޑަކުދީންނަށް 18+ ރޭޓިންގެ އެޕްލިކޭޝަންތައް ޑައުންލޯޑް ނުކުރެވޭ ގޮތަށް، އެޕަލް އިން އެ ކުންފުނީގެ އެޕް ސްޓޯރުގައި އުމުރު ކަށަވަރުކުރާ އާ ނިޒާމެއް ތައާރަފުކޮށްފިއެވެ. ސިންގަޕޫރާއި އޮސްޓްރޭލިއާ އާއި ބްރެޒިލް އަދި އެމެރިކާގެ ޔޫޓާ އާއި ލުއީޒިއާނާގައި މި ނިޒާމު މިހާރު ވަނީ ހިންގަން ފަށައިފައެވެ.

މި ހިނގާ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން، ސިންގަޕޫރާއި އޮސްޓްރޭލިއާ އަދި ބްރެޒިލްގައި 18+ ރޭޓިންގެ އެޕްތައް ޑައުންލޯޑް ކުރެވޭނީ، އެއީ 18 އަހަރު ފުރިފައިވާ ފަރާތެއްކަން އެކަށީގެންވާ ގޮތެއްގައި ކަށަވަރުކުރެވިގެން ކަމަށް އެޕަލް އިން ބުނެއެވެ. އެޕް ސްޓޯރުން މި ކަށަވަރުކުރުން އޮޓޮމެޓިކުން ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި ބަދަލު ގެނެސްފައި ވަނީ ސިންގަޕޫރުގެ އިންފޯކޮމް މީޑިއާ ޑެވެލޮޕްމެންޓް އޮތޯރިޓީ (އައިއެމްޑީއޭ) އިން ނެރެފައިވާ "ކޯޑް އޮފް ޕްރެކްޓިސް ފޮރ އޮންލައިން ސޭފްޓީ ފޮރ އެޕް ޑިސްޓްރިބިއުޝަން ސާވިސަސް" ގެ ދަށުން، މާޗް 31 ގެ ކުރީން އެޕް ސްޓޯރުތަކުން އުމުރު ކަށަވަރުކުރުމުގެ ނިޒާމެއް ގާއިމުކުރުން ލާޒިމުކޮށްފައި ވާތީއެވެ. މި ގަވާއިދުގެ ދަށުން، 18 އަހަރު ނުފުރޭ ކުދީންނަށް ޓިންޑާ ފަދަ ޑޭޓިން އެޕްތަކާއި، އުމުރާއި ނުގުޅޭ މަންޒަރު ހިމެނޭ ގޭމް އެޕްތައް ބްލޮކް ކުރެވޭ އިރު، 12 އަހަރު ނުފުރޭ ކުޑަކުދީންނަށް ޓިކްޓޮކާއި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ އެޕްތައް ވެސް ބްލޮކް ކުރެވެއެވެ.

އެޕަލް އިން ޑެވެލޮޕަރުންނަށް ތައާރަފުކުރި "ޑިކްލެއާޑް އޭޖް ރޭންޖް" އޭޕީއައި މެދުވެރިކޮށް، ބޭނުންކުރާ ފަރާތެއްގެ އުމުރު ފެންވަރު ދެނެގަނެވެއެވެ. ބްރެޒިލްގައި، ލޫޓް ބޮކްސް ހިމެނޭ ކޮންމެ އެޕެއް އޮޓޮމެޓިކުން 18+ ރޭޓިންއަށް ބަދަލުކުރެވެއެވެ. އެމެރިކާގެ ޔޫޓާގައި 2026 ވަނަ އަހަރުގެ މެއި ހައެއް އަދި ލުއީޒިއާނާގައި ޖުލައި އެކެއް އިން ފެށިގެން މި ގަވާއިދުތައް ތަންފީޒުކުރެވޭނެއެވެ.

ކުޑަކުދީންގެ އޮންލައިން ސަލާމަތާ ގުޅޭ ގާނޫނުތައް ދުނިޔޭގެ އެކި ޤައުމުތަކުގައި ހަރުކަށިވަމުން ދާ ދަނޑިވަޅެއްގައި، އެޕަލް، ގޫގުލް، ސެމްސަންގް އަދި ހުއާވޭ ފަދަ ބޮޑެތި ޓެކް ކުންފުނިތަކުން ދަނީ އެޕް ސްޓޯރުތަކުގައި އުމުރު ކަށަވަރުކުރުމުގެ ނިޒާމުތައް ވަރުގަދަ ކުރަމުންނެވެ. 2025 ވަނަ އަހަރު އޮސްޓްރޭލިއާ އިން ވެސް ވަނީ 16 އަހަރުން ދަށުގެ ކުދީންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް ފާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް