ރާއްޖެއަށް ނިޕާގެ ނުރައްކާ ކުޑަ: އެޗްޕީއޭ

އިންޑިއާއިން ނިޕާ ވައިރަހުގެ ކޭސްތަކެއް ފެނިފައިވީނަމަވެސް ރާއްޖެއަށް އެ ވައިރަހުގެ ނުރައްކާ ކުޑަކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިކަމާއި ގުޅޭގޮތުން އެޗްޕީއޭއިން ނެރު...

27 Jan 2026 | 17:29
N/A

N/A

އިންޑިއާއިން ނިޕާ ވައިރަހުގެ ކޭސްތަކެއް

ފެނިފައިވީނަމަވެސް ރާއްޖެއަށް އެ ވައިރަހުގެ ނުރައްކާ ކުޑަކަމުގައި ހެލްތު

ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން އެޗްޕީއޭއިން ނެރުނު

ނޫސްބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ވެސްޓު ބެންގޯލްއިން ނިޕާ ވައިރަހަށް

ޕޮޒިޓިވް މީހުންނާ ކޮންޓެކްޓްވި 180 އަށްވުރެ ގިނަ މީހުން ދެނަގަނެވި، އެމީހުން މިހާރު

ވަނީ ކަރަންޓީނު ކުރެވިފައި ކަމަށާއި އަދި ކަރަންޓީނު ކުރެވިފައިވާ މީހުންގެ

ހާލަތު ދަނީ އެ ގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ވަރަށް ގާތުން ބަލަމުން

ކަމަށެވެ.

"މީގެ އިތުރުން ބަލި ޖެހިގެން އިތުރު ކޭސް

އެއް އަދާއި ހަމައަށް ފެނިފައިނުވާއިރު، މި ކޭސްތަކާއި ގުޅިގެން އިންޑިއާގެ އިތުރު

އެހެން އެއްވެސް ސަރަހައްދަކުން އަދި އެހެން ގައުމަކުން މި ބަލި ފެނިފައިވާކަމުގެ

ރިޕޯޓެއް ކޮށްފައެއް ނުވޭ" އެޗްޕީއޭއިން ބުނެފައިވެއެވެ.

މިވަގުތު ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް

މިންވަރު ކުޑަ ކަން ފާހަގަކުރަމުން އެޗްޕީއޭއިން ބުނެފައިވަނީ އެހެންނަމަވެސް އެ

އެޖެންސީއިން ދަނީ ހާލަތު މޮނިޓަރ ކުރަމުން ކަމަށާއި އަދި ބައްޔާއި ގުޅޭގޮތުން

އެއްވެސް ކޭސް އެއް އަދި ކޮންޓެކްޓްވި އެއްވެސް ފަރާތެއް ރިޕޯޓްކުރެވިފައި އަދި

ނުވާކަމަށެވެ.

"ނަމަވެސް ބަލި ފެނިފައިވާ ވެސްޓް ބެންގޯލް

ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުކަން ދެއްވުން މުހިންމު،

އަދި ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމާގުޅޭ

އިދާރާތަކާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި ގުޅިގެން މި އެޖެންސީ އިން ދަނީ ކުރަމުން"

އެޗްޕީއޭއިން އިތުރަށް ބުނެފައިވެއެވެ.

މި ޖަނަވަރީ މަހުގައި އިންޑިއާގެ ވެސްޓް

ބެންގޯލްއިން ނިޕާ ވައިރަހަށް ޕޮޒިޓިވް ދެ މީހަކު ވަނީ ފެނިފައެވެ. އަދި މީގެ ކުރީ

އަހަރުތަކުގައި ނިޕާގެ ކޭސްތަކެއް އިންޑިއާ އަދި އެހެން ގައުމުތަކުންވެސް ވަނީ

ރިޕޯޓްކޮށްފައެވެ.

ނިޕާ ވައިރަސްއަކީ ޓެރޯޕަސް އާއިލާގެ ވާލުން (fruit bat) އަދި އޫރުން އިންސާނުންނަށް

ފެތުރޭ ބައްޔެކެވެ. މިބާވަތުގެ ވާ ކައިފައިވާ މޭވާ ނުވަތަ ވާލުގެ ކުޅު ނުވަތަ

ކުޑަކަމުދާ އެއްޗެހި ޖެހިފައިވާ މޭވާއާއި ތަރުކާރީފަދަ ތަކެތި ބޭނުންކުރުމުން

އިންސާނުންނަށް ބަލި ފެތުރެއެވެ. މީގެ އިތުރުން ބަލި ޖެހިފައިވާ މީހުންނާ ގާތްކޮށް

އުޅޭ ފަރާތްތަކަށްވެސް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.

ބަލި ޖެހޭ މީހުންގެ ފަރާތުން އާންމުކޮށް ފެންނަ

އާންމު އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، ކެއްސުން،

ކަރުގައި ރިއްސުން އަދި ނޭވާލާން އުނދަގޫވުން ހިމެނެއެވެ. މީގެ އިތުރުން ބަލި

ބޮޑުވަމުންދާ ވަރަކަށް ބައެއް މީހުންގެ ސިކުނޑިއަށް އަސަރުކޮށް، ވާނުވާ ނޭނގުން،

ނުވަތަ ފިޓުޖެހުން ހިމެނެއެވެ. މި ބަލި ޖެހޭ ބައެއް މީހުންނަށް އެއްވެސް

އަލާމާތެއް ނުފެނިވެސް ހިނގައިދާނެއެވެ. މި ބައްޔަށް ވަކި ޚާއްޞަ ފަރުވާއެއް

ނެތްނަމަވެސް ބަލީގެ އަލާމާތްތަކަށް ފަރުވާ ކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް