N/A
ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ބައެއް ސާމާނު
ދިވެހި ފުލުހުންގެ ޚިދުމަތަށް ހަދިޔާކޮށްފިއެވެ.
މި ތަކެތި ދިވެހި ފުލުހުންގެ ޚިދުމަތާ
ހަވާލުކޮށްދެއްވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ)
އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސް
ގުޅިގެންނެވެ.
މި ތަކެތި ހަވާލުކުރުމަށް އިސްކަންދަރު
ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއާއި،
ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި، އެން.ޑީ.އެމް.އޭ ގެ ޗީފް
އެގްޒެކެޓިވް ހިސާން ހަސަންއާއި، ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ އިސް ބޭފުޅުން
ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް
ނަވީން ދެއްކެވި ވާހަކަފުޅުގައި، 2004 ޑިސެމްބަރު 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ
ކާރިސާގެ ހަނދާން އައުކުރައްވައި އެ ދުވަހު ފުލުހުންގެ ތެރޭގައި މަސައްކަތްކުރެއްވި
ގޮތުގެ މައްޗަށް އަލިއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ކާރިސާތަކާއި ހަދިސާތަކުގައި
ފުލުހުންކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެއްވީތީ އެން.ޑީ.އެމް.އޭ އާއި ޔޫ.އެން.ޑީ.ޕީގެ
ބޭފުޅުންނަށް ޝުކުރުއަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް
އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ޚިދުމަތަށް
މި ތަކެތި ހޯދައި ދިނުމުގެ ބޭނުމަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ރައްޔިތުންގެ
ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނަކީ
ރަށްރަށުގައި ގާއިމުވެ ތިބެ، މުޖުތަމައުތަކާ އެންމެ ގާތުން މަސައްކަތްކުރާ އަދި ކާރިސާތަކުގައި
އެންމެ ފުރަތަމަ އިޖާބަދޭ އެއް މުއައްސަސާއަށް ވީހިނދު މިއަދު ހަވާލުކުރެވުނު އާލާތްތަކުގެ
ސަބަބުން، ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް ރަށު ފެންވަރުގައި
އެޅުމަށް މަގުފަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޖުމުލަ 2.6 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި މި އެހީގެ
ދަށުން ފަސް ދާއިރާއަކުން 2064 އައިޓަމް ފުލުހުންނަށް ވަނީ ފޯރުކޮށްދީފައެވެ. އޭގެ
ތެރޭގައި، އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނާއި، ޕަމްޕު އަދި ކަރަންޓު އާލާތްތަކާއި،
ކަނޑުމަތީގެ ސަލާމަތާއި ރެސްކިއު ގިއަރ، ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސާމާނާއި،
ފީލްޑް އޮޕަރޭޝަންސް އަދި ސަޕޯޓް އިކުއިޕްމަންޓްގެ އިތުރުން މީހާގެ ރައްކާތެރިކަމަށް
ބޭނުންކުރާ ސާމާނު (ޕީ.ޕީ.އީ) ހިމެނެއެވެ.
މި ތަކެއްޗަކީ ޔޫ.އެން.ޑީ.ޕީ ފަންޑިންގ ވިންޑޯސްގެ
"ރިޑްސް އިން ސިޑްސް" މަޝްރޫއުގެ ދަށުން ޑެންމާކް، ލަގްޒެމްބާގް އަދި ދެކުނު
ކޮރެއާ ސަރުކާރުގެ ދީލަތި އެހީއާއެކު ފޯރުކޮށްދިން ތަކެއްޗެވެ. މި މަޝްރޫއުގެ މައިގަނޑު
މަގުސަދަކީ މޫސުމީ ބަދަލުތަކަށް ދިވެހިރާއްޖެ ހާނުވައި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް
ގެންދާއިރު ކާރިސީ ހިރާސް ކުޑަކުރުމަށް ބާރުއަޅައި، ގައުމީ ފެންވަރުގައި ވިލުންވެރިކަން
އިތުރުކުރުމެވެ. މިގޮތުން ކާރިސާގެ ހާލަތްތަކުގައި އިޖާބަދިނުމުގައި އެންމެ އިސްކޮށް
ހަރަކާތްތެރިވާ ފަރާތްތަކުގެ ހުނަރާއި ވަސީލަތްތައް އިތުރުކުރުމަށް މި މަޝްރޫއުން ބޮޑު
އިސްކަމެއްދެއެވެ. ޔޫއެންޑީޕީ އިން ފާހަގަ ކުރާގޮތުގައި މި އެހީތެރިކަމަކީ ރާއްޖޭގެ
ރަށްތަކަށް ކުރިމަތިވާ މޫސުމީ ކާރިސާތަކުގެ ހިރާސް ކުޑަކުރުމާއި، އިންޒާރުދޭ ނިޒާމުތައް
ކުރިއާލައި ވަރުގަދަކުރުމާއި، ކާރިސާތަކަށް އިޖާބަދިނުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް
ކުރެވޭ މަސައްކަތުގެ ބައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް