ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ދައުރު ތެރޭގައި ނިންމައި ހަވާލު ކުރެއްވޭނެކަން ޔަޤީން: ރައީސް

ފަސް އަހަރުގެ ރިޔާސީ ދައުރު ހަމަވުމުގެ ކުރިން ހައުސިން މަޝްރޫޢުތައް ފުރިހަމަކޮށް ޙައްޤުވެރިންނާ ހަވާލުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައި...

26 Jul 2026 | 09:36
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ދުވަސް ފޮޓޯ: އިބްރާހިމް ނާއިޝް ނާހިދު

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ދުވަސް ފޮޓޯ: އިބްރާހިމް ނާއިޝް ނާހިދު

ފަސް އަހަރުގެ ރިޔާސީ ދައުރު ހަމަވުމުގެ ކުރިން ހައުސިން މަޝްރޫޢުތައް ފުރިހަމަކޮށް ޙައްޤުވެރިންނާ ހަވާލުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީންކަން އެރުއްވީ މިއަދު ބޭއްވި ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރެއްގެ ދައުރު ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ޢަމަލީ ގޮތުން ނިންމައި ރައްޔިތުންނާ ހަވާލުކުރެއްވުމަކީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޙާޞިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިއެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރަސްމާލެއިން 15,000 ގޯތި ދޫކުރުމާއި މާލެ ސަރަޙައްދުން 7,800 ފްލެޓު ދިނުމަށް ރާވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ސުންގަޑި މިދިޔަ މަހުގެ 15 ވަނަ ދުވަހު ހަމަވެފައިވާއިރު ލިބޭ ފަރާތްތަކުގެ ލިސްޓު މި އަހަރު ނިމުމުގެ ކުރިން ޢިއުލާނުކުރައްވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ކުރީގެ ސަރުކާރުން ދޫކޮށްފައި ހުރި ގޯތިތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ ގޯއްޗެއް މިހާރު ހަވާލުކޮށް ނިމިފައިވާ ކަމަށެވެ. ހުޅުމާލެ ތިންވަނަ ފިޔަވައްސާއި ގުޅީފަޅުގެ ގޯތިތައް ހަވާލުކުރުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ގިރާވަރުފަޅު ހިއްކުން ކުރިއަށް އޮތް ދެތިން މަސް ތެރޭ ނިމޭނެ ކަމަށާއި ރަސްމާލެ ހިއްކުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ފުރިހަމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކުރީ ސަރުކާރުން ފެށި ފަހި ފްލެޓް މަޝްރޫޢާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެ މަސައްކަތް ނިމިފައި އޮތީ އެންމެ 25 އިންސައްތަ ކަމަށެވެ. ނަމަވެސް މިހާރު އެ މަޝްރޫޢު ނިންމައި ޙައްޤުވެރިންނާ ތަންތަން ހަވާލުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ދަތިކަމަކީ ވަކިން ޚާއްޞަކޮށް މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާޢީ އަދި އިޤުތިޞާދީ ގޮންޖެހުމެވެ.

މި ސަރުކާރުން ވަނީ ދޭން ނިންމާފައިވާ ފްލެޓުތަކުގެ އަމަލީ މަސައްކަތް މި ނިމެމުންދާ މަހު ފަށާނެ ކަމަށް ރައީސް ކުރިން ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް