N/A
ވޮޝިންޓަން ޑީސީގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ފަރިއްކޮޅުގައި، ރައީސް ޑޮނާލްޑް ޓްރަމްޕް ބައިވެރިވެ ހުއްޓައި ބަޑި ޖެހި މީހަކީ ކެލިފޯނިއާގެ ޓޮރަންސް ސިޓީ އަށް ނިސްބަތްވާ 31 އަހަރުގެ ކޯލް ޓޯމަސް އެލަން ކަމަށް އެމެރިކާގެ ޤާނޫނު ތަންފީޛުކުރާ އިދާރާތަކާ ހަވާލާދީ އެމެރިކާގެ މީޑިއާތަކުން ހާމަކޮށްފިއެވެ.
ވޮޝިންޓަން ޑީސީ މެޓްރޯޕޮލިޓަން ޕޮލިސް ޑިޕާޓުމަންޓުގެ އިންޓެރިމް ޗީފް ޖެފްރީ ކެރޯލް ބުނީ، އެލަން ހުރީ ޝޮޓްގަން އަކާއި ހޭންޑްގަން އަކާއި އެތައް ވަޅިއެއް ހިފައިގެން ކަމަށާއި، ހިލްޓަން ހޮޓެލުގެ ސެކިއުރިޓީ ޗެކްޕޮއިންޓަށް 50 ޔާޑު ދުރުން ބަޑިޖަހަމުން ދުުވީ ކަމަށެވެ. އެލަން ހައްޔަރުކޮށްފައިވަނީ ސީކްރެޓް ސާރވިސް އެޖެންޓުން އޭނާ ބިންމައްޗަށް ވައްޓައި، ކޮންޓްރޯލް ކުރުމަށް ފަހުގައެވެ. ހާދިސާގައި ސީކްރެޓް ސާރވިސް އެޖެންޓެއްގެ ބުލެޓްޕްރޫފް ވެސްޓަށް ވަޒަން އެރި ނަމަވެސް، ފުރާނައަށް ނުރައްކާ ވާ ވަރުގެ އަނިޔާއެއް ނުވެއެވެ.
ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެލަން ވަނީ 2017 ވަނަ އަހަރު ކެލިފޯނިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (ކަލްޓެކް) އިން މެކޭނިކަލް އިންޖިނިއަރިންގެ ބެޗަލާރސް ޑިގްރީ ނަގައި، 2025 ގައި ކެލިފޯނިއާ ސްޓޭޓް ޔުނިވަރސިޓީ، ޑޮމިންގުއެޒް ހިލްސް އިން ކޮމްޕިއުޓަރ ސައެންސްގެ މާސްޓާރސް ނަގައިފައެވެ. ކަލްޓެކުގައި ކިޔެވި ދުވަސްވަރު، ވީލް ޗެއާ އަށް ޚާއްޞަ އިމަރޖެންސީ ބްރޭކެއް ޕްރޮޓޮޓައިޕް ކުރި ދަރިވަރެއް ގޮތުން ލޯކަލް މީޑިއާގައި ފީޗާ ވެސް ވެފައިވެއެވެ.
ވަޒީފާގެ ގޮތުން، "ބޯޑޮމް" (Bohrdom) ނަމުގައި ގޭމެއް ތައްޔާރުކޮށް ސްޓީމް ޕްލެޓްފޯމުގައި ވިއްކަމުން އައި އިންޑީ ވީޑިއޯ ގޭމް ޑިވެލޮޕަރެކެވެ. އޭގެ އިތުރުން، ހައި ސްކޫލް ދަރިވަރުން ޔުނިވަރސިޓީ އަށް ވެއްދުމަށް އެހީވެދޭ "ސީ2 އެޑިޔުކޭޝަން" ގައި ޕާޓު-ޓައިމް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރިއެވެ. 2024 ޑިސެމްބަރުގައި އެ ކުންފުނީގެ "ޓީޗަރ އޮފް ދަ މަންތު" ޝަރަފު ވެސް ލިބިފައިވެއެވެ. ފެޑެރަލް އިލެކްޝަން ކޮމިޝަންގެ ރެކޯޑުތައް ދައްކާ ގޮތުން، 2024 ގެ ރިޔާސީ ކެމްޕެއިނުގައި ކަމަލާ ހެރިސް އަށް 25 ޑޮލަރުގެ ޑޮނޭޝަނެއް ދީފައި ވެއެވެ.
ވޮޝިންޓަން ޑީސީ ޔޫއެސް އެޓާރނީ ޖޭނީން ޕިއްރޯ ބުނީ، އެލަންގެ މައްޗަށް ޢަނިޔާވެރި ކުށެއް ހިންގުމަށް ހަތިޔާރު ބޭނުންކުރުމާއި، ފެޑެރަލް އޮފިސަރަކަށް ނުރައްކާތެރި ހަތިޔާރަކުން ޙަމަލާ ދިނުމުގެ ދައުވާ ކޮށްފައިވާ ކަމަށެވެ. ހޯމަ ދުވަހު (27 އޭޕްރީލް) އެލަން ކޯޓަށް ހާޒިރުކުރާނެ ކަމަށާއި، ތަޙުޤީޤު ކުރިއަށްދާ ވަރަކަށް އިތުރު ދައުވާ ވެސް ކުރެވިދާނެ ކަމަށް ޤާއިމް އެޓާރނީ ޖެނެރަލް ޓޮޑް ބްލޭންޗް ބުންޏެވެ.
ހާދިސާ ހިނގީ ޓްރަމްޕް، ރައީސެއްގެ ހައިސިއްޔަތުން މި ފަރިއްކޮޅުގައި ބައިވެރިވި ފުރަތަމަ ފަހަރުގައެވެ. ޓޮރަންސް ސިޓީގައި ހުންނަ، އެލަންއާ ގުޅުންހުރި ގެއެއް ފާސްކުރުމަށް އެފްބީއައި އެޖެންޓުން ވަނީ ޒިޔާރަތްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް