N/A
މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން، މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމްއަށް މީހަކު ހަމަލާ ދޭން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަޙުޤީޤު ކުރަން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިންނެވެ. މީސް މީޑިއާގައި ފެތުރުނު ވީޑިއޯއިން ފެންނަ ގޮތުގައި، މުޒާހަރާގެ ތެރޭގައި ތިއްބެވި މޭޔަރ އާޒިމްގެ ކައިރިއަށް ބަޔަކު ޖެހި، އޭގެ ތެރެއިން މީހަކު މޭޔަރުގެ މޭމައްޗަށް ހަމަލާ ދޭން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް، ކައިރީގައި ތިއްބެވި ފަރާތްތަކުން މެދުވެރިވެ، އޭނާ ދުރުކޮށްފައިވެއެވެ.
ހާދިސާއާ ބެހޭ ގޮތުން މޭޔަރ އާޒިމް ވަނީ، އޭނާއަށް ދިން ހަމަލާ އަކީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ.
ރައީސް އޮފީހުން ނެރުއްވި ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާގެ ވީޑިއޯ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ފެނިވަޑައިގެން، އެ ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
ހާދިސާއާ ބެހޭ ގޮތުން ޗީފް ގަވަރމަންޓު ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެފައިވަނީ، ހަމަލާ އަކީ ސަރުކާރުން ދިން ހަމަލާއެއް ކަމަށް މޭޔަރ ތުހުމަތުކުރެއްވި ތުހުމަތަކީ ހައިރާންވާ ވަރުގެ ކަމެއް ކަމަށާއި، އެއީ ކޮން ހެއްކަކާއި ޤަރީނާއެއްގެ މައްޗަށް ބިނާކޮށް ވިދާޅުވި ވާހަކައެއްކަން ހަމަ އެއްގޮތަކަށް ވެސް ނޭނގޭ ކަމަށެވެ. އަދި މި ހަމަލާ އާއި ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ސަރުކާރުން މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވައިފައެވެ. މޭޔަރުގެ ތުހުމަތަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި، މިއީ "ދަށު ދަރަޖައިގެ ޢަމަލެއް" ކަމަށް ވެސް ޝަރީފް ވިދާޅުވެއެވެ.
ހާދިސާގެ ވީޑިއޯ ފުލުހުންނަށް މީސް މީޑިއާއިން ފެނުނު ހިސާބުން، އަމިއްލަ އިސް ނެގުމުގެ މަތިން މި މައްސަލަ ތަޙުޤީޤު ކުރައްވަމުންދާ ކަމަށާއި، މިހާތަނަށް އެމްޑީޕީގެ ފަރާތުން ވިޔަސް، މާލެ ސިޓީ ކައުންސިލުގެ ފަރާތުން ވިޔަސް ފުލުހުންނަށް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް ޗީފް ގަވަރމަންޓު ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވިއެވެ.
ޝަރީފް ވަނީ، ހާދިސާ ފުލުހުންނަށް ރިޕޯޓު ނުކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވެސް ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޤާނޫނީ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ މުއައްސަސާ އަކީ ފުލުހުން ކަމަށްވާ އިރު، މިފަދަ ހާދިސާތައް ފުލުހުންނަށް ރިޕޯޓު ނުކުރުމަކީ، ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހެކެވެ.
ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އޮތް ނުރައްކަލުގެ މިންވަރު ބެލުމަށް ފުލުހުން އަބަދުވެސް ތްރެޓު އެސެސްމެންޓު ހަދަމުންދާ ކަމަށާއި، އޭގެ ދަށުން ނުރައްކަލެއް ފާހަގަ ކުރެވިއްޖެ ނަމަ، ފުލުހުން އިސް ނަގައި ސެކިއުރިޓީ ހަމަޖައްސައިދޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވެފައިވެއެވެ. މާލެ ސިޓީގެ މޭޔަރ އަކީ ވެސް ބޭނުންވެވަޑައިގަންނަވާނަމަ ސެކިއުރިޓީ ލިބޭނެ ބޭފުޅެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް