ހަމަލަ ދިން މީހާ -
އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީސީގައި ބޭއްވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން (ޑަބްލިއުއެޗްސީއޭ) ގެ އަހަރީ ފަރިއްކޮޅުގައި ބަޑީގެ ހަމަލާ ދިން މީހާ އުޅުނީ އޭނާ މަރައިލަން ކަމަށް ޤަބޫލުކުރެވޭ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނެފިއެވެ.
ވޮޝިންގްޓަންގެ ހިލްޓަން ހޮޓެލްގައި ހޮނިހިރު ދުވަހުގެ ރޭ ހިނގި މި ހަމަލާ އަށްފަހު، ވައިޓް ހައުސް ގައި ޓްރަމްޕް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޭނާ އަކީ ހަމަލާގެ ޓާގެޓު ކަމަށް ހީކުރަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޓްރަމްޕް ބުނީ "ތިހެން ހީވޭ" (I guess) ކަމަށެވެ. އަދި "މި ވޭތުވެދިޔަ ދެ ތިން އަހަރު ތެރޭ، ރައީސް މަރައިލަން ޢަޒުމް ކަނޑައަޅާ ހަމަލާ ދިން މިއީ ފުރަތަމަ ފަހަރެއް ނޫން" ކަމަށް ޓްރަމްޕް ބުންޏެވެ.
ޓްރަމްޕް އަށް ޤައުމީ ފެންވަރުގައި ކުރިމަތިވި ނުރައްކަލާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ: "މިއަދު ބޭނުންވަނީ، ކުރިން ދުވަހަކު ވެސް ނެތް ފެންވަރެއްގެ ސަލާމަތީ އިންތިޒާމުތަކެއް" ކަމަށެވެ. ހަމަލާގެ ކުރިން އޭނާ އަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އެއްވެސް މަޢުލޫމާތެއް ކުރިއާލާ ލިބިފައި ނެތް ކަމަށް ވެސް ޓްރަމްޕް ފާހަގަކުރިއެވެ.
ހަމަލާ ދިން މީހާ އަކީ ކެލިފޯނިއާ ސްޓޭޓުގެ ޓޮރަންސް ސިޓީ އަށް ނިސްބަތްވާ 31 އަހަރުގެ ކޯލް ޓޯމަސް އެލަން ކަމަށް އެމެރިކާގެ ޤާނޫނު ތަންފީޛުކުރާ އިދާރާތަކާ ހަވާލާދީ ސީއެންއެން، އޭޕީ، އޭބީސީ ނިއުސް އަދި ފޮކްސް ނިއުސް ފަދަ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ޓްރަމްޕް އޭނާ ސިފަކުރީ އެކަނި ޢަމަލުކުރި "ލޯން ވޫލްފް" އެއްގެ ގޮތުގައެވެ. އެފްބީއައި ޑިރެކްޓަރ ކަޝް ޕަޓެލް ބުނި ގޮތުގައި ހާދިސާގެ ތަނުން ބޮޑު ބަޑިއެއް (ލޯންގް ގަން) އާއި ބަޑި ޖެހި ވަޒަންތަކުގެ ޝެލް ކޭސިން ފެނިފައިވެއެވެ.
ޝޫޓަރ ހުރީ ހިލްޓަން ހޮޓަލުގެ ބޯޅަ ދަނޑަށް ވަންނަ ސެކިއުރިޓީ ޗެކްޕޮއިންޓު (މެޓަލް ޑިޓެކްޓަރު) ކައިރީގައި ކަމަށާއި، އޭނާ އަށް ބޯޅަ ދަނޑުގެ އެތެރެ އަށް ވަންނަން ފުރުޞަތު ލިބިފައެއް ނުވެއެވެ. ހާދިސާގައި ސީކްރެޓް ސަރވިސް އެޖެންޓެއްގެ ބުލެޓްޕްރޫފް ވެސްޓަށް ބަޑީގެ ވަޒަން އަމާޒުވި ނަމަވެސް، އޭނާ ފުރާނައަށް ނުރައްކަލެއް ނުވާ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
ޓްރަމްޕުގެ ފަސްޓް ލޭޑީ މެލާނިއާ، ނައިބު ރައީސް ޖޭ.ޑީ. ވޭންސް، ހާރިޖީ ވަޒީރު މާކޯ ރޫބިއޯ، ތައުލީމާ ބެހޭ ވަޒީރު ލިންޑާ މެކްމަހަން، ޞިއްޙަތާ ބެހޭ ވަޒީރު ރޮބަޓް އެފް. ކެނެޑީ ޖޫނިއަރ، އެފްބީއައި ޑިރެކްޓަރ ކަޝް ޕަޓެލް އަދި ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވެސް ހާދިސާގެ ވަގުތު ފަރިއްކޮޅުގައި ބައިވެރިވަމުން ދިޔައެވެ. އޭގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވޮޝިންގްޓަނުގެ ޑިސްޓްރިކްޓު ޔޫއެސް އެޓާރނީ ޖޭނީން ޕިއްރޯ ބުނީ، ކޯލް އެލަންގެ މައްޗަށް ފެޑެރަލް ދައުވާތައް ކުރެވޭނެ ކަމަށާއި، ޢަނިޔާވެރި ޖަރީމާއެއް ހިންގަން ހަތިޔާރު ބޭނުންކުރުމާއި، ނުރައްކާތެރި ހަތިޔާރުން ފެޑެރަލް އޮފިސަރަކަށް ޙަމަލާ ދިނުމުގެ ދައުވާ މިހާރު ވެސް ރަޖިސްޓަރީކޮށްފައިވާ ކަމަށެވެ.
ހާދިސާއާ ގުޅިގެން މި އަހަރުގެ ޑަބްލިއުއެޗްސީއޭ ފަރިއްކޮޅު ކެންސަލްކޮށްފައިވާ އިރު، އަންނަ 30 ދުވަސް ތެރޭ އެ ފަރިއްކޮޅު އަލުން ބާއްވާނެ ކަމަށް ޓްރަމްޕް ޓްރޫތު ސޯޝަލްގައި ބުނެފައިވެއެވެ.
1981 ގައި އޭރުގެ ރައީސް ރޮނަލްޑް ރީގަންއަށް ބަޑި ޖަހައި އަނިޔާ ކުރެވުނީ ވެސް ހަމަ މި ހިލްޓަން ހޮޓެލްގެ ބޭރުގައިކަން ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް